ޚަބަރު
ކިނޮޅަސް ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރ. ކިނޮޅަސް-
ރ. ނޮޅަސް ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާކަމުގެ މަޢުލޫމާތު މިއަދު ހަވީރު 16:24 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން މިހާރު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މި ޙާދިސާގެ އިތުރު މަޢުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިކަން ފުލުހުން އިތުރަށް ތަޙުޤީގުކުރަމުންދާއިރު، މިހާތަނަށް މަރުވެފައި ވަނީ ކާކުކަން ނުވަތަ އެ މީހާ މަރުވާން ދިމާވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.