ޚަބަރު
މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުމަށް ވަޒީރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އެއްވެސް މުވައްޒަފަކު ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލެއް ނުހިންގުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ، މި ފެށުނު 2026 ވަނަ އަހަރުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެ ވުޒާރާއިން މަޝްރޫޢުތަކުގެ ފައިނޭންސިންގ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އުޞޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ސަރުކާރުގެ މާލިއްޔަތު ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް އެ ވުޒާރާއިން ކުރިއަށް ނުގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު، ހުރިހާ މުވައްޒަފުން ވެސް އެގޮތުގައި ދެމިތިބުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވަނީ، މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރަން މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ޙަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ވެސް ވަޒީރު ގޮވާލެއްވިއެވެ.
ވުޒާރާގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި މި އަހަރަށް ރާވާފައިވާ ކަންކަންކަމުގެ މަޢުލޫމާތު ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.