ދުނިޔެ
"ސްޓާލިންކް" އިން ވެނެޒުއޭލާއަށް ހިލޭ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭން ނިންމައިފި
ސްޓަރލިންކް ފޮޓޯ: އިންޓަނެޓް
ދުނިޔޭގެ މަހުޖަނު އީލޮން މަސްކުގެ މަޝްހޫރު ކުންފުނި "ސްޓާލިންކް" އިން ވެނެޒުއޭލާއަށް ހިލޭ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭން ނިންމައިފިއެވެ. ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ވަކި މުއްދަތަކަށެވެ.
ސްޓާލިންކުން ހާމަކޮށްފައިވާ ގޮތުގައި، ވެނެޒުއޭލާއަށް ހިލޭ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކުންފުނިން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ވެނެޒުއޭލާގައި އިންޓަނެޓް ސެންސަރުކުރުމުގެ މައްސަލަ ކުރިމަތިވެފައިވާތީ، އެ ގައުމުގެ ރައްޔިތުންނަށް މެދުނުކެނޑި މުއާސަލާތީ ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ނިންމި ނިންމުމެއް ކަމަށެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުން މީގެ ކުރިން ވަނީ ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކަކާ ގުޅިގެން ގައުމުގެ ބޮޑު ސަރަހައްދަކުން އިންޓަނެޓްގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ. އަދި ވެރިރަށް ކަރަކާސްގެ ގިނަ ސަރަހައްދުތަކުން ވެސް މިހާރު އިންޓަނެޓްގެ ޚިދުމަތް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ވެނެޒުއޭލާގެ ރައީސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ނިއުޔޯކަށް ގެންދިއުމަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭނާގެ އިރުޝާދުގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ވެރިރަށުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، މިއީ އެމެރިކާގެ އަސްކަރީ ބާރު ދައްކާލުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.