ޚަބަރު
މާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލެ ސަރަޙައްދުގައި މިމަހުގެ 04 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މާލޭގައި ހުންނަ 07 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. މި ދެ ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު ވަނީ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށް، 02 ބިދޭސީއަކު… pic.twitter.com/SRxzq5Lkns
— Maldives Immigration (@ImmigrationMV) January 4, 2026
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެލިސްޓުގައި ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއް ހިމަނާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭއިރު، މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.