Ads by Stelco

ޚަބަރު

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

މަޖިލިސް ޖަލްސާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ޖެނުއަރީ 2026، 02:48

05 ޖެނުއަރީ 2026، 02:48

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރެވޭގޮތަށް ހުށަހެޅި "ރީ-އެމްޕްލޯއިމަންޓް" ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު 46 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި "ރީ-އެމްޕްލޯއިމަންޓްގެ ބިލު" އަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންއަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުޞޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރީ-އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށްކަމަށްވާއިރު، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ. މި އުޞޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންކަމަށްވާއިރު، މި އުޞޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަޤާމު ނުވަތަ އެހެން މަޤާމަކަށްވެސް ހަމަޖެއްސިދާނެއެ.

ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. މި އުޞޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ. އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ 6 މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. 

މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
އ

އަހްމަދު

05/01/2026 18:28

މީހާ މުސްކުޅިވެ ބަލިވެގެން އޮފީހުގައެއްވެސް މަސައްކަތެެއްނުކޮށް ބޮޑު މުސާރަ ނަގައިގެން އުޅޭ މީހުންނަށް އަދިވެސް އިތުރަށް 10 އަހަރު ހަލާލު ނޫން ފައިސާ ކާން ލިބޭ ޗާންސެއް. މިބައިގަޑު ނެރެ އެއްލާނުލެވިފަ ކިތައް މުވައްސަސާ އެބަހުރިބާ ރާއްޖޭގަ.