ޚަބަރު
ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދިނުމަަށް ފޮނުވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: އެމްއެމްބީސީ
އަމިއްލަ މީޑިއާތަކަށް މިއަހަރު ދައުލަތުން ދޭ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދިނުމަަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއަށް ފޮނުވައިފި އެވެ.
އަމިއްލަ މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ 41 މީޑިއާގެ ތެރޭގައި، އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާ ހިމެނޭތީ އެ ދެ މީޑިއާއަށް ފައިސާ ދިނުން މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވި 41 މީޑިއާއެއްގެ މަޢުލޫމާތާއި ފައިސާލިބޭ އަދަދު ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ޝަރުތުހަމަވާ 41 މީޑިއާގެތެރޭގައި އެއް ކުންފުންޏަކުން ހިންގާ 2 މީޑިއާ ހިމެނޭކަން ފާހަގަކުރެވިފައިވާތީ، އެ މީޑިއާއާއި ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމާ ގުޅޭ pic.twitter.com/vsY883mYCp
— Maldives Media and Broadcasting Commission (@MmbcMv) January 5, 2026
މީގެ އިތުރުން، މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ ބާކީ 39 މީޑިއާއަށް ލިބޭ ފައިސާ ދިނުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާ ފަންނާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށްދާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މާލީ އެހީ ދިނުމަށް މާކްސް ދޭ މިންގަނޑަށް ބަލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުޞޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
2025 ވަނަ އަހަރުގެ މާލީ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކަށް ޖުމްލަ ލިބޭ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާއިރު، މިއީ ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.