ޚަބަރު
ތަރުބަވީ ޖީލެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ ނުހަނު ބޮޑު: ވަޒީރު އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ތަރުބަވީ ޖީލެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ ނުހަނު ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންހެން ޑިވިޝަނަށް ޚާއްޞަކޮށްގެން ރޭ ފެށި 'ރާއްޖެ ސުޕަރ ލީގް 2026' ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ، އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި އަތޮޅުތަކުން 8 ޓީމެއް ބައިވެރިވުމަކީ އުއްމީދު އާވުމުގެ އިތުރުން ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ. ހަމަ އެހެންމެ، އެކަމުން ވެސް ހާމަވެގެން ދަނީ ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާބޮޑުކަން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މުޖުތަމަޢުގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އަންހެނުންގެ ހިއްސާ ނުހަނު ބޮޑު، ތަރުބަވީ ޖީލެއް ބިނާކުރުމުގައި ވެސް އަންހެނުންގެ ހިއްސާ އެހާ ބޮޑު.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކަނބަލުން ކުރައްވާ މަސައްކަތުގެ ސަބަބުން އެކަން ޙާޞިލްވެގެން ދާނެކަމުގެ އުންމީދު އިތުރަށް އައުވެއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ވެރިން ބޭނުންވެލައްވާ ލަނޑުދަނޑި ޙާޞިލްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރަށް މަގުފަހިކޮށްދިނުމާއި ކުޅިވަރުގެ ވަޞީލަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ރައީސްގެ ވަޢުދުފުޅު ފުއްދުމަށްޓަކައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.
ހަމަ އެހެންމެ، އެ ޝުކުރުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ މަސައްކަތް ވެސް ވަޒީރު އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.