ޚަބަރު
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުންނާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި
ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ދިފާޢީ ވުޒާރާ
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުންނާ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، އަދި ސްރީލަންކާއަށް ނިސްބަތްވާ 16 ކެޑޭޓުންނާއި، އެ ޤައުމުތަކުގެ 4 އާމީ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން، ސީޑީއެސްއެސް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންގެ އިތުރުން، އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނާއި އެމްއެންސީސީން 5 ކެޑޭޓް އިންސްޓްރަކްޓަރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމަކީ، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއިން އިސްނަގައިގެން 2007 ވަނަ އަހަރުން ފެށިގެން މި ސަރަޙައްދުގެ ޤައުމުތަކަށް ދަޢުވަތުދީގެން، އަސްކަރީ ގުޅުންތައް ހަރުދަނާކުރުމަށާއި ސަގާފީ ހޭލުންތެރިކަން ކުރިއެރުވުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
މިއަހަރުގެ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވާ ކެޑޭޓުން ވަނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް ވެސް ޒިޔާރަތްކޮށްފައެވެ.