Ads by Stelco

ޚަބަރު

އެއްގަމު އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެ

އެއްގަމު އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެ

ޓޯވކުރުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޖެނުއަރީ 2026، 05:07

06 ޖެނުއަރީ 2026، 05:07

އެއްގަމު އުޅަނދުތައް ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ޒޯންތަކުގައި ޕާކުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަޙައްދުތަކާއި ގޯޅިކަންމަތީގައި ޢާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.

ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަޙައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. ޓްރެފިކް ފުލުހުން ޢާންމުކޮށްފައިވާ މައުޢުލޫމާތުގައިވާ ގޮތުން ޢާންމު ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ދަތިވާ ގޮތަށް (ޤަވާއިދާ ޚިލާފަށް) ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުން ގެންދާނެއެވެ.

އަދި ވަކިން ޚާއްޞަކޮށް ކަފިހިހުރަސްމަތި، ގޯޅި ކަންމަތި، ދެ ރޮނގު ދަމާފައި ހުންނަ ސަރަޙައްދު، އޮފީސްތަކާއި މަދަރުސާތަކާއި މިސްކިތްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޭޓް ކުރިމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރުމަށް އިސްކަންދެވޭނެކަން ޓްރެފިކް ފުލުހުން ފާހަގަކުރެއެވެ. އުޅަނދުތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އެދިފައިވާއިރު، މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި ޢާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450