ޚަބަރު
އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
މަސައްކަތުގެ ތެރެއިން/ފޮޓޯ: ފުލުހުން
އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްނެންގެވުމާއެކު ފަށައިފި އެވެ.
މިއަދު ފެށި މި މަސައްކަތަކީ އއ. އަތޮޅުގެ ރަށްރަށުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން އެރަށު ކައުންސިލުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން، ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި، ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީން، އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން، ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް މިއަދު ކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އެގޮތުން، ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ފުލުހުން ވަނީ ބަލާފައެވެ.
ހަމަ އެހެންމެ، އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ގެސްޓްހައުސްތަކުގެ ވެރީންނަށް އިރުޝާދުދީފައިވާކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.