ކުޅިވަރު / ޚަބަރު
ބައްސާމްގެ މައްޗަށް އުފުލި ދައުވާތަށް ސާބިތުވެ 23 އަހަރުގެ ޖަލު ޙުކުމަކާއި 44 މިލިއަންގެ ޖޫރިމަނާއެއް
އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލް---
ފަރުދުން
06 ޖެނުއަރީ 2026، 08:04
06 ޖެނުއަރީ 2026، 08:04
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފިއެވެ.
މިއީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެވެ.
ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން މީގެކުރިން އިއްވާފައިވާ ހަތަރު އަހަރުގެ ޙުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ޙުކުމެކެވެ.
ކޯޓު މަރުހަލާގައި ސާބިތުވެފައިވާ ގޮތުގައި، ފީފާއިން ކްލަބުތަކަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް ވަނީ އަމީން އެވެނިއުއިން ދެ ޕެންޓް ހައުސް ގަނެފައެވެ. އެއީ ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ކުރި 23 އަހަރުގެ ޙުކުމަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރުގެ ޙުކުމެއް އިއްވުމުންނެވެ. މި މައްސަލާގައި ބައްސާމަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދަޢުވާކޮށްފައެވެ. ނަމަވެސް އެ ކުންފުނީގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. އަދި މި ނިންމުމާ ގުޅިގެން އެ މައްސަލަ އިސްތިޢުނާފު ކުރަން ނިންމާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއެވެ.