ޚަބަރު
14 ރަށެއްގައި 14 މަޝްރޫޢެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
14 މަޝްރޫޢެއް އެމްޓީސީސީއާ ހަވާލުކުރުން---
ފަރުދުން
06 ޖެނުއަރީ 2026، 08:43
06 ޖެނުއަރީ 2026، 08:43
14 ރަށެއްގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ 14 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައި ވަނީ ހއ.ވަށަފަރު، ނ.ހެނބަދޫ، ނ. ހޮޅުދޫ، ނ. މާޅެންދޫ، ދ.ބަނޑިދޫ، ގއ.ކަނޑުހުޅުދޫ، ހއ. ވަށަފަރު، ރ.އަލިފުށި، ހއ. ފިއްލަދޫ، ކ. ގާފަރު، ނ. މާފަރު، ހއ. މުރައިދޫ، ހއ. އިހަވަންދޫ އަދި ރ. އުނގޫފާރުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކެކެވެ.
މީގެ ތެރޭގައި ހއ.ވަށަފަރު، ނ. ހެނބަދޫ، ނ. ހޮޅުދޫ، ނ. މާޅެންދޫ، ދ. ބަނޑިދޫ އަދި ގއ. ކަނޑުހުޅުދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހިމެނޭއިރު، ރ.އަލިފުށީ އިންޑަސްޓްރިއަލް ޒޯންއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.
ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 20 ހެކްޓަރުގެ ބިން ހިއްކާ 1694 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަލަށް ހިއްކާ ސަރަޙައްދާއި ވަށަފަރާ ދެމެދު 71 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ. 242 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.
އަދި ނ. ހެނަބދޫގައި 3.51 ހެކްޓަރުގެ ބިން، ނ. ހޮޅުދޫގައި 2.27 ހެކްޓަރުގެ ބިން، ނ. މާޅެއްދޫގައި 3.93 ހެކްޓަރުގެ ބިން، ދ. ބަނޑިދޫގައި 15.43 ހެކްޓަރުގެ ބިން އަދި ގއ. ކަނޑުހުޅުދޫގައި 15.4 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރި އިތުރު މަޝްރޫޢުތައް:
- ރ. އަލިފުށީ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 4.60 ހެކްޓަރުގެ ބިން ހިއްކުމާއި، 588 މީޓަރުގެ ރިވެޓްމަންޓަކާއި މަގުބައްތި ޖެހުން.
- ހއ.ފިއްލަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 329 މީޓަރުގެ ރިވެޓްމަންޓަކާއި 120 މީޓަރުގެ ގްރޮއިން ޖެހުން.
- ކ.ގާފަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 786 މީޓަރުގެ ރިވެޓްމަންޓަކާއި 136 މީޓަރުގެ ގްރޮއިން ޖެހުން.
- ރ.އުނގޫފާރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 457 މީޓަރުގެ އެއްގަމު ތޮއްޓެއްލުމަށާއި 4097 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމަށާއި 507 މީޓަރުގެ ބޭރުތޮއްޓެއްލުން.
- ހއ.މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 445 މީޓަރުގެ ބޭރުތޮއްޓެއްލުމަށާއި، ކޮންކްރީޓް ޖެޓީ ތަރައްޤީކޮށް މަގު ބައްތި ހަރުކުރުން.
- ހއ.އިހަވަންދޫ އަރޓިފިޝަލް ބީޗް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށް 80 މީޓަރުގެ ގްރޮއިން ޖެހުމާއި 46 މީޓަރުގެ ބޭރު ތޮއްޓެއް މޫދު އަޑީގައި ޤާއިމުކުރުން.
- ގދ.ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ތަރައްޤީކުރާ 36 މަގުގެ ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުތަކުގެ ސައިންބޯޑާއި މަގު ބައްތި ޖަހާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.