ޚަބަރު
"މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް އިންތިޙާބަށް ކުރިމަތިލެވޭ ގޮތް ހަދައިފި
އިލެކްޝަންސް ކޮމިޝަންގެ "މައި ޕޯޓަލް"---
ފަރުދުން
06 ޖެނުއަރީ 2026، 09:42
06 ޖެނުއަރީ 2026، 09:42
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ "މައި ޕޯޓަލް" މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އޮންލައިންކޮށް ކުރިމަތިލެވޭ ގޮތް ހަދައިފިއެވެ.
މިކަމާ ގުޅިގެން އީސީއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް ހުޅުވާލާފައިވާކަމަށެވެ. އެހެންކަމުން، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން، އެ ޕޯޓަލް މެދުވެރިކޮށް އިންތިޙާބަށް ވާދަކުރުމަށް ރެޖިސްޓަރީ ކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެކަމަށް ވަނީ ހާމަކޮށްފައެވެ.
އަދި ޕޯޓަލް ހުޅުވާލާފައި ވުމުން، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެނޑިޑޭޓުގެ މަޢުލޫމާތާއި، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިޚާބަށް ދައްކަންޖެހޭ އިދާރީ ފައިސާދެއްކޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ކުރިއާ ޚިލާފަށް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދު ހޯދުމުގެ ކަންތައް ވެސް މި އަހަރު ކުރިޔަށް ގެންދަން ޖެހެނީ މި ޕޯޓަލް މެދުވެރިކޮށެވެ.
އިންތިޚާބަށް ރަސްމީކޮށް އިއުލާނުކުރަންވާއިރަށް، ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު އިދާރީ ފައިސާ ދައްކަވާ ތައްޔާރުވެގެން ތިއްބެވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މައި ޕޯޓަލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެއެވެ.