ޚަބަރު
ބޭސް ސިޓީއެއް ފޯޖުކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް
މާލޭގެ ބޭސް ފިހާރަތަކެއް / ފޮޓޯ: އެޓޯލް ޓައިމްސް
ފަރުދުން
07 ޖެނުއަރީ 2026، 08:33
07 ޖެނުއަރީ 2026، 08:33
ބޭސް ސިޓީއެއް ފޯޖުކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެގެން ގޮސްފައި ވަނީ އޮޑިޓާރ ޖެނެރަލްގެ އޮފީހުން އަންގާރަ ދުވަހު އާންމުކުރި، ހެލްތު އިންޝުއަރެންސް ސްކީމްގެ 2019-2024 ރިޕޯޓުންނެވެ.
އެ ރިޕޯޓުގައި ބުނީ ބޭސް ސިޓީއެއް ފޯޖުކޮށްގެން ބޭސް ސިޓީ އާކުރި މައްސަލައެއް އާސަންދައަށް ހުށަހެޅި ކަމަށާއި، އެ މައްސަލަ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ، 2023 ގައި މާލޭގެ ހޮސްޕިޓަލަކުން ކަމަށެވެ.
މި މައްސަލައިގައި ތުޙުމަތުކުރެވޭ މީހާ ބޭސް ސިޓީ ފޯޖުކޮށްގެން ބޭސް ނަގަމުން ގޮސްފައިވަނީ އޭނާގެ ބައްޕަގެ ނަމުގައެވެ. އަދި އޭނާގެ ބައްޕަ ދިރިއުޅެމުން ދިޔައީ މާލޭގައި ނޫން ނަމަވެސް، މާލޭގެ އެކި ބޭސްފިހާރަތަކުން ބޭސް ނަގަމުން ގޮސްފައިވާ ކަމުގެ ޝަކުވާ އާސަންދައިގެ ހޮޓްލައިނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތަށް ބޭސް ނަގަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް އެ ޝަކުވާގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އާސަންދައަށް ތަކުރާރުކޮށް މި މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ ކުންފުނިން މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު، 2023 ގައެވެ. އެ މުއްދަތުގެ ފަހުން ވެސް އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީޙެއްގައި ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގިކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ ފެބްރުއަރީ، 2023 އިން އޭޕްރީލް، 2024 ގެ ނިޔަލަށް އެ މީހާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586ރ. އަދި އައްޑޫ ހޮސްޕިޓަލަށް ދައްކައިގެން 25،080ރ. ގެ ބޭސް ނަގާފައިވާ ކަމަށެވެ.