ޚަބަރު
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 2 ޒުވާނުން
އެއް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 5ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގެ އެޕާޓްމެންޓެއް ބަލާފާސްކުރުމަށްފަހުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެޕާޓްމެންޓުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) އެވެ.
އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވަނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލެއިން ބިދޭސީއަކު ވެސް ހައްޔަރުކޮށްފައެވެ. ހުޅުމާލޭ ބަނދަރު ސަރަޙައްދުން އޭނާ ދުއްވި ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު އޭގެން ވަނީ 134 ފުޅި ބަނގުރާ ފެނިފައެވެ.
ފުލުހުން ދަނީ މި މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.