ޚަބަރު
ފުޓުބޯޅަ އެރީނާ އެޅުމަށް ދޫކުރި ސަރަޙައްދުގައި ހުރި އާންމުންގެ އުޅަނދުތައް ނެގުމަށް އެފްއޭއެމްއިން އަންގައިފި
އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމުގައި ހާދާފައިވާ ގުދަން ބަރިތައް / ފޮޓޯ: މިހާރު
ފަރުދުން
07 ޖެނުއަރީ 2026، 10:13
07 ޖެނުއަރީ 2026، 10:13
ފުޓުބޯޅަ އެރީނާ އެޅުމަށް މާފަންނު ސްޓޭޑިއަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދޫކޮށްފައިވާ ސަރަޙައްދުގައި ހުރި އާންމުންގެ އުޅަނދުތައް ނެގުމަށް އެ އެސޯސިއޭޝަނުން އަންގައިފިއެވެ.
އެފްއޭއެމްއިން ނެރުނު ނޯޓިސްއެއްގައި ބުނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދު 387 ނަންބަރު ކޮށީގައި ހަދަމުން އައި ސްޕޯޓްސް އެރީނާ އާއި އޮފީސް އިމާރާތާ އިންވެންގެން އިރުމައްޗަށް އޮތް ބިމުގައި ފުޓްބޯޅަ ބޮޑު ދެ ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ސަރަޙައްދުގައި ހުރި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުގެ މުދަލާއި ވެހިކަލް އަދި އެހެނިހެން ވެސް ތަކެތި 14 ދުވަހުގެ ތެރޭގައި ނަގައި ބިން ހުސްކުރުމަށް ވަނީ އަންގާފައެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެފްއޭއެމަށް ދީފައިވާ ބިން
އެ ބިމަކީ ސަރުކާރުން 50 އަހަރަށް އެފްއޭއެމްއަށް ވަކި މަޤުސަދެއްގައި ދޫކުރި ބިމަކަށް ވީނަމަވެސް، އެ ތަން މިހާތަނަށް ބޭނުންކުރަމުން އައީ މަޤުސަދާ ޚިލާފަށެވެ. އޮފީސް އިމާރާތަކާ އެކު، ފުޓްބޯޅައިގެ ހިދުމަތަށް ބޭނުން ކުރަން ހަދާފައިވާ އިމާރާތުގައި މިހާރު ހުރީ އަމިއްލަ ވިޔާފާރިތަކުގެ ގުދަންބަރިތަކެވެ.
ގުދަންބަރި ހަދަން އަމިއްލަ ވިޔާފާރިތަކަށް އެ އިމާރާތުގެ އެކި ބައިތައް ކުއްޔަށް ދީފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައެވެ. އެ ނިންމުން އެފްއޭއެމުން އޭރު ނިންމީ އެކްސްކޯއިން ވެސް ފާސްނުކޮށެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި ފީފާގެ މަޝްވަރާ އާއި ޙުއްދައެއް ވެސް ހޯދާފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެހެންކަމުން، އެ ތަންތަން ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކަށް ޢަމަލު ނުކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެފްއޭއެމްގެ އެކްސްކޯއިން ވަނީ ފާސްކޮށްފައެވެ.