ޚަބަރު
މި އަންނަ ރޯދަ މަހުގެ ކުރިން ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 300 އަށް އަރާނެ: ވަޒީރު ޑރ. ޝަހީމް
މިދިޔަ އަހަރުގެ ދަސްވެނިވި ޙާފިޡުން/ފޮޓޯ: ވުޒާރާ
މި އަންނަ ރޯދަ މަހުގެ ކުރިން ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 300 އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޙާފިޡުންގެ ޢަދަދު ޢާންމުކޮށް، ސަރުކާރުން ޙާފިޡުންނަށް ދެއްވަމުންގެންދަވާ އަހަންމިއްޔަތު ހާމަކުރައްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޙާފިޡުންގެ ޢަދަދު މިހާރު 291 އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މި ޢަދަދު 300 އަށް އަރާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޙާފިޡުންނަށް ސަރުކާރުން ދެމުން އަންނަ ޚާއްޞަ އެލަވެންސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ، މިދޔަ އަހަރުން ފެށިގެން ޙާފިޡުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި 24 ޙާފިޡުން ދަސްވެނިވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޢަމާޒަކީ މި 5 އަހަރުގެ ތެރޭގައި ޙާފިޡުންގެ ޢަދަދު 500 އަށް އަރުވަން މަސައްކަތްކުރުން ކަމަށެވެ. އަދި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން ގެންދާ ކަމަށާއި، މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ޢަދަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހާފިޡުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށްވާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.