ޚަބަރު
ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކްފޯހުން ފަހުގެ ތައްޔާރީތަކާ ބެހޭ ބައްދަލުވުމެއް ބާއްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކުފޯހުން އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަވުމެއް ބާއްވައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު އެ ވުޒާރާގެ ރަށްވެހި މާލަމުގައެވެ.
މި ބައްދަލުވުމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ރަމަޟާން މަހު ގޭބީސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި ޓާސްކްފޯސް އެކުލަވާލާފައިވަނީ ކަމާ ގުޅުންހުރި އިދާރާތަކުގެ އެކި ފަރާތްތައް ހިމަނުއްވައިގެންނެވެ.
ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ވަޒީރު އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުނާ ހިއްސާކުރައްވާފައެވެ. އަދި މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ގޭބީސީތަކަށް ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މިމަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މިމަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް ޢާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމުކުރާނެ ކަމަށެވެ.