ޚަބަރު
އިޖްތިމާޢީ ވުޒާރާގެ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 17 ހާހަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފި
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފި އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެ ވުޒާރާއިން އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކީ ދަތިކަމަކާއި ހަމައަށް ޢާއިލާއެއް ދިއުމުގެ ކުރިން އެމީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްކަމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

އަޅުގަނޑުމެންނަށް އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކީ ދަތިކަމަކާއި ހަމައަށް އާއިލާއެއް ދިއުމުގެ ކުރިން އެމީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތް. އެގޮތުން، އަޅުގަނޑުމެންގެ ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެން ގިނަ ގޭބިސީއަށް ވަނީ ޒިޔާރަތްކުރެވިފައި. މިއިން ކޮންމެ ގޭބިސީއަކަށް އަޅުގަނޑުމެންނަށް ޒިޔާރަތްކުރެވޭއިރު، ހަމަ ޝުކުރުވެރިކަމާއި އެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އެ އާއިލާތަކުން އަޅުގަނޑުމެންނާއި ދޭތެރޭގައި އެ ހިތްތަވާގޮތާއި އަދި ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން އޮތްވަރު.
ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގު ޅުންހުރި އިދާރާތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މަސައްކަތްކުރެވިގެންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.