Ads by Stelco

ޚަބަރު

ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު 3 ލައްކައާ ގާތްކުރޭ

ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު 3 ލައްކައާ ގާތްކުރޭ

ވޯޓުލުމަށް ހަދާފައިވާ ކިއުއެއް / ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޖެނުއަރީ 2026، 08:22

07 ޖެނުއަރީ 2026، 08:22

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު 3 ލައްކައާ ގާތްކުރާކަން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294,937 އެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

އަންނަ އެޕްރީމް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި އިންތިޙާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީއިން ހާމަކުރެއެވެ. 

ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެ އިންތިޒާމު އީސީއިން ހަމަޖައްސާފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. އަދި 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

އޭޕްރިލް މަހު ބާއްވާ އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގައި އިންތިޚާބު ކުރާ ކައުންސިލަރުންގެ އަދަދު ތަފާތުވާނެއެވެ. އެގޮތުން ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު ތިނަދޫ ސިޓީއަށް 7 ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450