Ads by Stelco

ޚަބަރު

ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ، މާލޭގައި އޭގެ 38 އިންސައްތަ

ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ، މާލޭގައި އޭގެ 38 އިންސައްތަ

ވޯޓު ފޮށި ބަންދު ކުރުމަށްފަހު ވޯޓު ގުނަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޖެނުއަރީ 2026، 10:00

08 ޖެނުއަރީ 2026، 10:00

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފިއެވެ. 

ބުދަ ދުވަހު މިކަން އީސީއިން އިޢުލާން ކުރެއްވިއިރު، މާލޭގައި އޭގެ 38 އިންސައްތަ ފޮށި ބަހައްޓާނެކަން އެ އަދަދުތަކުން ވަނީ ހާމަވެފައެވެ.

އެގޮތުން 621 ފޮށީގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް ވެސް އީސީއިން ވަނީ ހާމަކޮށްފައެވެ.

އިންތިޚާބުތަކުގައި މީހުން ދިރިއުޅޭ އިދާރީ ރަށްތަކުގެ އިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނާއި، ޖަލާއި، ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން، މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.

އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294,937 އެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

އަންނަ އެޕްރީމް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި އިންތިޙާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. އަދި 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450