ޚަބަރު
މިއަދު ވެސް ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު
ވައި ނުސާފު/ފޮޓޯ: މިހާރު
މިއަދު ވެސް ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ރާއްޖެތެރޭގެ ބައެއް ސަރަޙައްދުތަކަށް ޞިއްޙަތަށް ނުރައްކާވާ މިންވަރަ ވައި ނުސާފުވެފައިވާއިރު، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ ވަނީ "ރެޑް އެލަރޓް" އަށް އަރާފައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައި ވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. މިކަމާއި ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، މި ސަރަޙައްދަށް އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނި އިއްޔެ ކަމަށެވެ. އެގޮތުން، މި އިއްޔެ ރާއްޖެ ސަރަޙައްދުގެ ދުރު ފެންނަ ނިސްބަތް 1.5 ކިލޯ މީޓަރަށް ހުރި އިރު މިއަދު އެ ޢަދަދު ހުރީ 3 ކިލޯ މީޓަރަށް ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދުވެސް މުޅި ރާއްޖެއަށް ވައި ނުސާފެވައުފާއިރު، އެޗްޕީއޭއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވައިނުސާފު ކަމުގެ މިންވަރު މިއަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ. އެގޮތުން، ކ. ވިލިނގިލި، ދ. ކުޑަހުވަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީއިން ނަގާފައިވާ މަޢުލޫމާތަށް ބަލާއިރު ވައިގެ ނުސާފުކަން ހުރީ، ނުރައްކާވާ މިންގަނޑެއްގައެވެ. އެއީ 157 އާއި 167 އާ ދެމެދުގައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދެހަފްތާގައި ވެސް އެއްކޮށް ވައި ސާފުވާނެކަމަށް ނުދައްކާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.