ޚަބަރު
ކެޑޭޓުންނަށް އަމާޒުކޮށްގެން ހިންގި 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފި
ޕާސިންގ އައުޓް ޕެރޭޑް/ފޮޓޯ: އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގި 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފި އެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކި ސްކޫލުތަކުން، 120 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ހިމެނެނީ، 90 ފިރިހެން ދަރިވަރުންނާއި 30 އަންހެން ދަރިވަރުންނެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ބަނގްލަދޭޝް އަދި ނޭޕާލް ހިމެނޭހެން، 16 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 4 އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވަނަވަނަ އަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އެގޮތުން، 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ކެޑޭޓްގެ މަޤާމާއި އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމު ހާސިލުކުރީ، ތާޖުއްދީން ސްކޫލުގެ ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިންއެވެ. އަދި އެންމެ މޮޅު އަންހެން ކެޑޭޓްގެ މަޤާމު ހަނިމާދޫ ސްކޫލުގެ ކެޑޭޓް ކޯޕްރަލް އަޒްކާ އަހްމަދު ޙަމީދު ހާސިލުކޮށްފައިވާއިރު، އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ ޗާލީ ޕްލެޓޫންއެވެ.

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ބެޖު ހަވާލުކޮށްދެއްވާފައިވާއިރު، އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ. މި ކޭމްޕުގައި ކިޔަވައިދީފައި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯރގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވެއެވެ.
ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމާއި، އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުގެ އިތުރުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.