ޚަބަރު
ކުރީގެ ތެލަސީމިއާ ސެންޓަރު ހުރި ބިމުގައި ޖީޕީ ކްލިނިކެއް ހަދަނީ
ކުރީގެ ތެލަސީމިއާ ސެންޓަރު / ފޮޓޯ: މިހާރު
ފަރުދުން
09 ޖެނުއަރީ 2026، 06:55
09 ޖެނުއަރީ 2026، 06:55
ކުރީގެ ތެލަސީމިއާ ސެންޓަރު ހުރި ބިމުގައި ހުރި އިމާރާތް ތަޅާލައި، އެ ތަނުގައި ޖީޕީ ކްލިނިކެއް ހަދާނެ ބަޔަކު ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިޢުލާންކޮށްފިއެވެ.
އައިޖީއެމްއެޗްއިން ކުރި އިޢުލާނުގައި ބުނީ، ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވަނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ކަމަށާއި، އަދި އެތާހުރި އިމާރާތް ތަޅާލައި ބިން ސާފުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތުގެ ބީލަން ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުން އޮތީ މި މަހުގެ 15ވަނަ ދުވަހުއެވެ.
އެ ތަނުގައި ހިންގަމުން ދިޔަ ތެލަސީމިއާ ސެންޓަރަކީ 1994 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން ދިޔަ އިމާރާތެކެވެ. ނަމަވެސް އެ އިމާރާތް ބާވުމުގެ ސަބަބުންނާއި ޖާގަ ދަތިވުމުގެ ސަބަބުން އެ ތަނުގައި ޚިދުމަތް ދިނުމަށް ދަތިވެފައި ވަނިކޮށް ތެލެސީމިއާ ސެންޓަރު ހިންގުން މިދިޔަ އަހަރު ވަނީ ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗުގައި އޮންނަ ދިގު ކިއު ކުޑަކުރުމަށް ސަރުކާރުން ވަނީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް ފަށައިފައެވެ. އަދި ފުރަތަމަ ޖީޕީ ކްލިނިކް، އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ހުންނަ އިމާރާތުގައި ހަދައި، އެ ތަނުން ހިދުމަތް ދޭން ފެށި މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.
އައިޖީއެމްއެޗްއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދަނީ މާލޭގައި ތިން ޖީޕީ ކްލިނިކާއި ހުޅުމާލޭގައި ދެ ޖީޕީ ކްލިނިކް ހުޅުވުމަށެވެ.