ޚަބަރު
ހުޅުމާލެ ފޭސް ތިނެއްގެ 55 ހެކްޓަރުގެ ބިން ހިއްކައި، މަސައްކަތުގެ 87 އިންސައްތަ ނިންމާލައިފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް 55 ހެކްޓަރުގެ ބިން ހިއްކާ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ވިދާޅުވީ، މި މަސައްކަތް މިހާ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭ މައިގަނޑު ސަބަބަކީ މަސައްކަތަށް ދެ ޑްރެޖަރު ބޭނުންކުރަމުން ދިއުން ކަމަށެވެ.
އެމްއޭސީއެލް އިން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއިއެކު މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ތެރެއިން 55 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއާއެކު، މި މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބިންހިއްކުމަށް ބޭނުންކުރާ ދެ ޑްރެޖަރު ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢު ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މަޝްރޫޢަށް ވަނީ ވަޤުތީގޮތުން މަޑުޖެހުމެއް އައިސްފައެވެ. މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ބާކީ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހަވީރެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫޢަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. ސަރުކާރުން ވަނީ މި މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
Hulhumalé Phase 3 Land Reclamation Project Update:
— Maldives Airports Company Ltd (@MACLmedia) January 9, 2026
Hulhumalé Phase 3 is advancing steadily, with 55 hectares successfully reclaimed, achieving 87% overall completion. On-site operations are being carried out by dredgers Prins der Nederlanden and Oranje (22,000 CBM each),… pic.twitter.com/YbIlG4YYht