ޚަބަރު
ރަށްތައް ތަރައްޤީކުރައްވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެހެން: ވަޒީރު އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ރާއްޖޭގެ ރަށްތައް ތަރައްޤީކުރައްވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެގޮތަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާނަމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި ''މަގޭ ދަރަވަންދޫ އެވޯޑު 2025'' ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮންމެ ރަށަކީ ވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމުގައި ވަޒީރު ވަނި ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެމަނިކުފާނުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނޭ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރަށްތައް ތަރައްޤީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުން މުހިންމު.
ވަޒީރު ވިދާޅުވިއެވެ.
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިންމުކަމަށާއި، އެނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.