ޚަބަރު
އިޒްރާއިލުން ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން އުސޫލުތަކާ ޚިލާފު: ވަޒީރު ޚަލީލް
ވަޒީރު ޚަލީލް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަނީ
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިޒްރާއީލުން ބަލައިގަތުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ، ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރިޕަބްލިކް އޮފް ސޯމާލީލޭންޑް މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި އިޒްރާއީލުން ރަސްމީކޮށް ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.
މިކަމާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ، އިޒްރާއީލުގެ މި ނިންމުމަކީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއް ކަމަށެވެ. މިއީ ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަށް އިޒްރާއީލު ވެފައިވާތީ، އެކަމާ މެދު މަޝްވަރާ ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމެކެވެ.
މެދުއިރުމަތީގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ބައިނަލްއަގްވާމީ ގާނޫނަށް އެ ޤައުމުން އިހްތިރާމް ނުކުރާކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން . ވަޒީރު ވިދާޅުވިއެވެ
ޑރ. ޚަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ، ދިވެހިރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. އިސްރާއީލުގެ މި ނިންމުމާ ދެކޮޅަށް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވެސް ވަނީ އަޑުއުފުލާފައެވެ.
އޯއައިސީއަކީ 57 ޤައުމުގެ މައްޗައް އެކުލެވިގެންވާ، މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތަކާއި ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރު މި ޖަމިއްޔާގެ މެންބަރަކަށް ވީ ފަހުން، މުސްލިމް އުއްމަތުގެ މައްސަލަތަކުގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.