ޚަބަރު
ޚާރިޖީ ވަޒީރު ޚަލީލް ސަޢުދީގެ ޚާރިޖީ ވުޒާރާގެ ނައިބާއި ބައްދަލުކުރައްވައިފި
ޚާދިޖީ ވަޒީރު ސަޢުދީގެ ޚާރިޖީ ވުޒާރަޒަގެ ނައިބާއި ބައްދަލުކުރެއްވުން
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާ ގެ ނައިބު ވަލީދު ބިން ޢަބްދުލްކަރީމް އަލް ޚާރިޖީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި އިއްޔެ ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ސަޢުދީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
ޖިއްދާގައި ބޭއްވި އޯއައިސީގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވެއެވެ. "މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއް،" ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދުކުރާކަން ވަނީ ހާމަކުރައްވާފައެވެ.
ޚާރިޖީ ދާއިރާގެ މި ހަރަކާތްތަކުގެ އިތުރުން، އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤު އިބްރާހިމް ވެސް ވަނީ މުހިންމު ބައްދަލުވުމެއް ބާއްވަވާފައެވެ. އެމަނިކުފާނު ބައްދަލުކުރެއްވީ ޔޫއޭއީއިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހޮސަނީއާއެވެ.
މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ އާ އީޖާދުތަކުގެ ބޭނުން ހިފުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގެ މެންބަރު ޤައުމެއްގެ ގޮތުގައި، އިސްލާމީ އުއްމަތުގެ ހައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތު ކުރަމުންދާ ޤައުމެކެވެ.