ދުނިޔެ
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ އިރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ
އިރާންގެ މަގުތަކުގައި ރައްޔިތުން މުޒާހަރާކުރަނީ
އިރާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. އަސާސީ މުދަލުގެ އަގު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަދަލުވަމުންދާތީ، އާންމު ރައްޔިތުންނަށް ދިރިއުޅުން ބިނާކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި މުޒާހަރާތައް ފުރަތަމަ ފެށުނީ ތަކެތީގެ އަގު ބޮޑުވުމާއި އިރާނުގެ ފައިސާގެ އަގު ތާރީޚީ މިންވަރަކަށް ދަށަށް ދިއުމާ ގުޅިގެންނެވެ. ނަމަވެސް، މިހާރު މި ހަރަކާތްތައް ވަނީ ސަރުކާރުގެ ސިޔާސީ ލީޑަރޝިޕާ ދެކޮޅު ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. މަޝްހަދުން ފެށިގެން އިސްފަހާނާ ހިމެނޭހެން އެތައް ސިޓީއަކަށް މި މުޒާހަރާތައް ފެތުރިފައިވާއިރު، މިއީ 2022-23 ވަނަ އަހަރުގެ 'ވުމަން، ލައިފް، ފްރީޑަމް' ހަރަކާތަށްފަހު އިރާނަށް ކުރިމަތިވި އެންމެ ސީރިއަސް ހަމަނުޖެހުމެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އިޤްތިޞާދީ ޙާލަތު މިހާރު އޮތީ އާންމު އާއިލާތަކަށް ކެތްކުރެވޭ ފަދަ މިންވަރެއްގައެއް ނޫނެވެ. "މަދު ދުވަސްކޮޅެއްގެ ތެރޭގައި އަގުތައް މިވަނީ އެތައް ގުނައަކަށް މަތިވެފައި. މި ޤައުމުގައި ޒިންމާދާރު ވެރިން ތިބި ނަމަ ކަންތައްތައް މިހެންނެއް ނުވީސް،" މަޝްހަދުން މުޒާހަރާގައި ބައިވެރިވި މާނީ ބުންޏެވެ. ތެހެރާނުގެ ރައްޔިތެއް ކަމަށްވާ މަރްޔަމް ބުނި ގޮތުގައި އޭނާ ކައްކާ ތެޔޮ ގަންނަން ދިޔައިރު ތިން ދުވަސް ތެރޭގައި އޭގެ އަގު ވަނީ ދެގުނައަށް އުފުލިފައެވެ.
އިރާނުގެ ސަރުކާރުން ވަނީ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން ހުރިކަން ޤަބޫލުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް، މި ހަމަނުޖެހުންތަކަކީ ބޭރުގެ ދުޝްމަނުން އަޑީގައި ތިބެގެން ހިންގާ ކަންތައްތަކެއް ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅާލުމަށް ބަޑިއާއި ކަރުނަގޭސް ބޭނުންކުރަމުންދާއިރު، އިންސާނީ ހައްްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިހާތަނަށް 25 އާއި 38 އާ ދެމެދުގެ ޢަދަދަކަށް މީހުން ވަނީ މަރުވެފައެވެ.
އިރާނުގެ ރޫހާނީ މީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ ފާޑުކިޔުމަކީ ހުއްދަ ކަމެއް ނަމަވެސް 'ހަމަނުޖެހުން ހިންގާ މީހުން' ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިޔާ ޣުލާމްހުސައިން މުހްސިނީ އީޖޭއީ ވަނީ އިސްރާއީލާއި އެމެރިކާގެ މަސްލަހަތަށް މަސައްކަތްކުރާ ބަޔަކަށް އެއްވެސް އޯގާތެރިކަމެއް ނުބަހައްޓާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ސަރުކާރުގެ މި ތުހުމަތުތައް މުޒާހަރާގެ ބައިވެރިން ދޮގުކުރެއެވެ. އެމީހުން ބުނާ ގޮތުގައި މަގުތަކަށް ނުކުންނަން ޖެހުނީ ދިރިއުޅުމުގެ އާންމު ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތައް ނުފުއްދޭތީއެވެ. ސަރުކާރުގެ އިންޒާރުތަކާއެކުވެސް ގިނަ ބަޔަކު ދަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.