ދުނިޔެ
ފަލަސްތީނުގެ ޑޮކްޓަރު ޣައްސާން އަބޫ ސިއްތާ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބު ކުރައްވައިފި
ޑރ ޣައްސާން ފަލަސްޠީނުގެ ޑޮކްޓަރުންނާއި އެކު މުޒާހަރާއެއްގައި
ފަލަސްތީނުގެ މަޝްހޫރު ޑޮކްޓަރު ޣައްސާން އަބޫ ސިއްތާ، އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީއެމްސީ) އަށް ހުށަހެޅި ސުލޫކީ މައްސަލައަކުން ބަރީއަވެ، އެ މައްސަލަ ކާމިޔާބު ކުރައްވައިފިއެވެ.
މި މައްސަލައަކީ އިޒްރޭލަށް ތާއީދުކުރާ އިނގިރޭސި އެކްޓިވިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ބެލި މައްސަލައެކެވެ.
ކުވޭތަށް އުފަން، ރިކޮންސްޓްރަކްޓިވް ޕްލާސްޓިކް ސާޖަރީ ކޮންސަލްޓަންޓެއް ކަމަށްވާ އަބޫ ސިއްތާއާ ދެކޮޅަށް މި ޝަކުވާ ހުށަހެޅީ އިޒްރޭލަށް ތާއީދުކުރާ ގްރޫޕެއް ކަމަށްވާ 'ޔޫކޭ ލޯޔާސް ފޯ އިޒްރޭލް' (ޔޫކޭއެލްއެފްއައި) އިން 2023 ވަނަ އަހަރުއެވެ. އެ ގްރޫޕުން ތުހުމަތުކުރި ގޮތުގައި ލުބުނާނުގެ ނޫހެއްގައި އަބޫ ސިއްތާ ލިޔުއްވި މަޒުމޫނަކާއި އެކްސްގައި ކުރެއްވި ދެ ޕޯސްޓެއްގެ ސަބަބުން އޭނާގެ ޕްރޮފެޝަނަލް ސުލޫކަށް ވަނީ އަސަރުކޮށްފައެވެ.
މެޑިކަލް ޕްރެކްޓިޝަނާ ޓްރައިބިއުނަލް ސާވިސް އިން ހުކުރު ދުވަހު ވަނީ ދެ އަހަރަށް ދެމިގެންދިޔަ މި މައްސަލަ ބޭރުކޮށްލާފައެވެ. ޓްރައިބިއުނަލުން ބުނި ގޮތުގައި އަބޫ ސިއްތާ ލިޔުއްވި މަޒުމޫނުގައި ޔަހޫދީންނާ ދެކޮޅު ނުވަތަ ޓެރަރިޒަމަށް ތާއީދުކުރާ އެއްވެސް ވާހަކައެއް ނެތެވެ. އަދި ހަމާސްގެ އަހަރީ ދުވަހާ ގުޅޭ ގޮތުން އޭނާ ރިޕޯސްޓް ކުރެއްވި ޕޯސްޓަކީ ޓެރަރިސްޓް ޖަމާއަތަކަށް ދިން އެހީތެރިކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
މި ނިންމުމާ ގުޅިގެން އަބޫ ސިއްތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާއާ ދެކޮޅަށް ހުށަހެޅި ޝަކުވާއަކީ ފަލަސްތީނަށް ތާއީދުކުރާ މީހުންގެ އަޑު ކަނޑުވާލުމަށް ހިންގާ 'ލޯފެއާ' ނުވަތަ ގާނޫނީ ހަނގުރާމައެއްގެ ބައެއް ކަމަށެވެ. "އަޅުގަނޑަކީ ދުވަހަކުވެސް އާންމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް ތާއީދުކުރި މީހެއް ނޫން. އޭގެ ނަތީޖާ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ،" އޭނާ ވިދާޅުވިއެވެ.
އަބޫ ސިއްތާ އިތުރަށް ވިދާޅުވީ ޔޫކޭއެލްއެފްއައި އިން މަސައްކަތް ކުރީ ރެގިއުލޭޓަރީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އޭނާ ކުރައްވާ ވަކާލާތުތައް ހުއްޓުވުމަށް ކަމަށެވެ. މިއީ އެ ގްރޫޕުން އޭނާއާ ދެކޮޅަށް ޖީއެމްސީއަށް ހުށަހެޅި ދެވަނަ މައްސަލަ ކަމަށާއި، ޖުމްލަ 10 ފަހަރަށް އެކި ގޮތްގޮތުން އޭނާއަށް އަމާޒުކޮށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި އަބޫ ސިއްތާ ވަނީ 43 ދުވަސް ވަންދެން ގާޒާގައި ހުރެ ބަލިމީހުންނަށް ފަރުވާ ދީފައެވެ. އެ ދުވަސްވަރު އޭނާ ވަނީ އިޒްރޭލު ސިފައިން މަނާ ހަތިޔާރެއް ކަމަށްވާ ވައިޓް ފޮސްފަރަސް ބޭނުންކުރާ ކަމަށާއި، ގަސްދުގައި ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ތުހުމަތުކޮށް، ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.