ޚަބަރު
މިއަހަރަށް މަޖިލިސް ހުޅުވާ، ރައީސްގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި ބާއްވަނީ
ރައީސް މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. ފޮޓޯ: މަޖިލިސް އިދާރާ
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ. ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހެއެވެ.
މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން، ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެކެވެ. އެގޮތުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް މަޖިލީހުގައި އިއްވަންވާނެއެވެ. މި ޖަވާބު ތައްޔާރުކުރުމުގައި އެހެން މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންޖެހޭއިރު، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދޭންޖެހެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއަހަރު ފެށުނު ފަހުން މަޖިލީހުގެ ދައުރުން ބޭރުން މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ފެބްރުއަރީ 5 ގައި ބާއްވާ ޖަލްސާއާއެކު މަޖިލީހުގެ މިއަހަރުގެ ގަވާއިދުން ބާއްވާ ޖަލްސާތައް ރަސްމީކޮށް ފެށިގެންދާނެއެވެ.