ދުނިޔެ

އިޒްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

އިޒްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުން ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދަ ސަރަަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 04:39

11 ޖެނުއަރީ 2026، 04:39

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ، ނުވަ މީހަކު ޒަޚަމްވެއްޖެ ކަމަށް ޞިއްޙީ މަސްދަރުތަކުން ބުނެފިއެވެ.

 މިއީ އިޒްރާއީލާއި ހަމާސްއާ ދެމެދު ޤާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ހަމަލާތަކެކެވެ.

އަލްޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭ އިޒްރާއީލުން ހަމަލާދީފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޣައްޒާގެ ދެކުނުން ރަފަހް އާއި ޚާން ޔޫނިސްގެ އިތުރުން، ޣައްޒާ ސިޓީގެ ޒައިތޫން އަވަށާއި އެހެނިހެން ސަރަހައްދުތައް ހިމެނެއެވެ. ޚާން ޔޫނިސްގައި އިޒްރާއީލުގެ ކުއަޑްކޮޕްޓަރަކުން ދިން ހަމަލާއެއްގައި، ހޮސްޕިޓަލަށް ގެންދަނިކޮށް ފަލަސްތީނުގެ ފިރިހެނަކު ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ 'ވަފާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒައިތޫން އަވަށުގެ އިރުމަތީ ފަރާތުން އިޒްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ޣައްޒާ ސިޓީގެ ތުއްފާހް އަދި ޒައިތޫން އަވަށަށް ބޮޑުބަޑީގެ ހަމަލާތައް ދީފައިވާ ކަމަށާއި، އަސްކަރީ އުޅަނދުތަކުން ބަޑީގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރައިޖް ރެފިއުޖީ ކޭމްޕާއި، އުތުރުގެ ޖަބަލިއާ އަދި ބައިތު ލާހިޔާ ސަރަހައްދުތަކަށް އިޒްރާއީލުގެ މަތިންދާބޯޓުތަކުން ބޮން އަޅާފައިވާއިރު، ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އިޒްރާއީލުގެ މަނަވަރުތަކުންވެސް ވަނީ ހަމަލާދީފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ތާރިގް އަބޫ އަޒޫމް ބުނި ގޮތުގައި، ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރާއީލުގެ ޑްރޯންތައް އުދުހޭ އަޑު މެދުނުކެނޑި އިވެމުންދެއެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ، އެ ޤައުމުގެ ސިފައިންނަށް ނުރައްކާވާ ފަދަ ޢަމަލުތަކެއް ހިންގި ކަމަށް ބުނެ ޣައްޒާގެ އުތުރާއި ދެކުނުން ތިން މީހަކު މަރާލާފައިވާ ކަމަށެވެ. މީގެ ތެރެއިން އެކަކީ އަސްކަރީ ސާމާނު ވަގަށް ނެގި މީހެއް ކަމަށް އިޒްރާއީލުން ތުހުމަތުކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އިޒްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ނިވާފަތްގަނޑުގައި ތިބެ، ޣައްޒާގެ ބިންތައް އަލުން އަތުލައިގަނެ، އެ ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ކުރިއަށް އޮތް މަޝްވަރާތަކުގައި ބާރުވެރިކަން ހޯދުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450