ދުނިޔެ
ބޮޑާވެގަންނަ ވެރިންނަށް އޮތީ ފިރުޢައުނާއި ނަމްރޫދުގެ ނިމުން: ޚާމަނާއީ ޓްރަމްޕަށް އިންޒާރު ދެއްވައިފި
އީރާނުގެ ރޫޙީ މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނާއީ
އީރާނުގެ ރޫޙީ މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނާއީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ޚާމަނާއީ ވިދާޅުވީ ބޮޑާކަމާއި ކިބުރުވެރިކަމުގައި ދުނިޔެއަށް ނުފޫޒު ފޯރުވަން އުޅޭ ވެރިންނަށް އޮތީ ތާރީޚީ ގޮތުން ފެންނަން އޮތް ފިރުޢައުނާއި، ނަމްރޫދު އަދި ރެޒާ ޝާހް ފަދަ އަނިޔާވެރި ވެރިންނަށް ކުރިމަތިވި ހިތްދަތި ނިމުން ކަމަށެވެ.
ފަހުގެ ބަޔާނެއްގައި ޚާމަނާއީ ފާހަގަކުރެއްވި ގޮތުގައި، ކިބުރުވެރިކަމުން ފުރިފައިވާ މީހަކު މުޅި ދުނިޔެއަށް އަސަރުކުރާނެ ނިންމުންތައް ނިންމަމުންދާ ކަމަށާއި، ބާރުގެ އެންމެ އުސްމިނަށް ދިޔުމަށްފަހު އެފަދަ ވެރިންނަށް ވީގޮތް ތާރީޚުން ބަލައި އިބުރަތް ހާސިލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު މަސްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވެސް ވަނީ އެމެރިކާއާއި އިސްރާއީލަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އީރާނުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެ ދެ ޤައުމެވެ. އަދި އީރާނުގެ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ބުނެ ވާހަކަދައްކާ ބާރުތަކަކީ މީގެ ކުރިން ވެސް އީރާނާ ދެކޮޅަށް ފާޅުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވަމުން ޚާމަނާއީ ވިދާޅުވީ، ޓްރަމްޕް ރުއްސުމަށްޓަކައި ޤައުމުގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ ބަޔަކު އުޅޭ ކަމަށެވެ. "އީރާނުގެ ކަންކަމާ ނުބެހި، އެމެރިކާގައި ހުރި ތިމާގެ އަމިއްލަ މައްސަލަތައް ހައްލުކުރުމަށް އުޅޭ،" ޓްރަމްޕަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވިއެވެ.
މިދަނޑިވަޅުގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެހެމުންދާ ކަމަށެވެ. ނަމަވެސް، އީރާނާ މެދު ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.
އީރާނުގެ ސަރުކާރުން ބުނަމުންދަނީ އެ ޤައުމުގައި އިޤްތިޞާދީ އަދި ސިޔާސީ ސަބަބުތަކާ ހުރެ ހިނގަމުންދާ މުޒާހަރާތަކަކީ ބޭރުގެ ބާރުތަކުން އަޑީގައި ތިބެގެން، ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއްވެސް ބޭރުގެ ބާރަކަށް އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ހަލަބޮލިކަން އުފެއްދުމުގެ ފުރުޞަތު ނުދޭނެ ކަމަށް އީރާނުގެ ލީޑަޝިޕުން ވަނީ ކަނޑައަޅާފައެވެ.