ދުނިޔެ

ބަދުއަޚްލާގީ ކަންކަމަށް މަގުފަހިވާތީ މެލޭޝިއާއިން 'ގްރޮކް' އޭއައި ބްލޮކްކޮށްފި

ބަދުއަޚްލާގީ ކަންކަމަށް މަގުފަހިވާތީ މެލޭޝިއާއިން 'ގްރޮކް' އޭއައި ބްލޮކްކޮށްފި

ގްރޮކް އޭއައި އަދި އިލޮން މަސްކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2026، 04:39

12 ޖެނުއަރީ 2026، 04:39

ކުޑަކުދިންނާއި އަންހެނުންގެ އިއްފަތަށް އަރައިގަނެވޭ ފަދަ ބަދުއަޚްލާގީ މަންޒަރުތައް އުފެއްދުމަށް ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުންތަކާ އެކު، މެލޭޝިއާ ސަރުކާރުން އީލޮން މަސްކްގެ 'ގްރޮކް' އޭއައި ޗެޓްބޮޓް އެ ގައުމުގައި ވަގުތީ ގޮތުން ބްލޮކްކޮށްފިއެވެ. މެލޭޝިއާއިން މި ފިޔަވަޅު އަޅާފައި މިވަނީ، މިފަދަ މައްސަލަތަކާ ހުރެ އަވަށްޓެރި އިންޑޮނޭޝިއާއިން ވެސް މި މަހުގެ 10 ވަނަ ދުވަހު ގްރޮކް ބްލޮކްކޮށްފައި ވަނިކޮށެވެ.

އީލޮން މަސްކްގެ 'އެކްސް އޭއައި'  ކުންފުނިން އުފައްދާފައިވާ މި އޭއައި ޓޫލް މެދުވެރިކޮށް، މީހުންގެ ނުރުހުމުގައި އެމީހުންގެ ބަދުއަޚްލާގީ ފޮޓޯތަކާއި މަންޒަރުތައް އުފައްދަމުންދާ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން އެކްސް އޭއައި އިން ވަނީ ފޮޓޯ އުފެއްދުމާއި އެޑިޓްކުރުމުގެ ފުރުސަތު ހަމައެކަނި ފައިސާ ދައްކައިގެން ސަބްސްކްރައިބް ކުރާ މީހުންނަށް ލިމިޓްކޮށްފައެވެ. ނަމަވެސް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ދެކޭގޮތުގައި މިއީ އަދި އެކަށީގެންވާ ފިޔަވަޅެއް ނޫނެވެ.

މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމް.ސީ.އެމް.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްރޮކް ނޭދެވޭ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެ ކޮމިޝަނުން އެކްސްއޭއައި އަދި އެކްސް  ޕްލެޓްފޯމަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އެމް.ސީ.އެމް.ސީ އިން ފާހަގަކުރެއެވެ.

މެލޭޝިއާގެ ގާނޫނުތަކުގައި ބަދުއަޚްލާގީ، ފަހާޝަ އަދި މީހުންގެ އަބުރަށް އަރައިގަންނަ ފަދަ ތަކެތި އިންޓަނެޓްގައި ފެތުރުމަކީ މަނާ ކަމެކެވެ. އެމް.ސީ.އެމް.ސީ އިން ބުނީ ގްރޮކްގެ ސަބަބުން ގައުމުގެ ގާނޫނުތަކާ ޚިލާފު އަމަލުތަކަށް މަގުފަހިވާ ކަމަށާއި، އެ ކުންފުނިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަންދެން އެ ޚިދުމަތް ބްލޮކްކޮށްފައި އޮންނާނެ ކަމަށެވެ.

މި މައްސަލައިގައި ދުނިޔޭގެ އިސްވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ މިކަން ސިފަކުރެއްވީ "ލަދުވެތި" އަދި "ފޫހި" އަމަލެއްގެ ގޮތުގައެވެ. އަދި އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު މިއުޓިއާ ހާފިދު ވިދާޅުވީ، މިއީ އިންސާނީ ކަރާމާތާއި އިންޓަނެޓްގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ގްރޮކް ބްލޮކް ކުރުމުގެ އިތުރުން، އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ދިރާސާތައް ވެސް މެލޭޝިއާ ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450