ދުނިޔެ

ސްޓާލިންކްގެ 7,500 ސެޓެލައިޓް އުދުއްސާލުމުގެ ހުއްދަ އިލޮން މަސްކްގެ ސްޕޭސް އެކްސްއަށް ލިބިއްޖެ

ސްޓާލިންކްގެ 7,500 ސެޓެލައިޓް އުދުއްސާލުމުގެ ހުއްދަ އިލޮން މަސްކްގެ ސްޕޭސް އެކްސްއަށް ލިބިއްޖެ

ޖައްވީ ސެޓަލައިޓެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 01:31

13 ޖެނުއަރީ 2026، 01:31

އިލޮން މަސްކްގެ ޖައްވުގެ ދިރާސާތައް ކުރާ ކުންފުނި، ސްޕޭސް އެކްސްއިން ގާއިމުކުރަމުންދާ "ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓްވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، އިތުރު 7,500 ސެޓެލައިޓް ޖައްވަށް ފޮނުވުމުގެ ހުއްދަ އެމެރިކާގެ ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފް.ސީ.ސީ) އިން ދީފިއެވެ.

މި ހުއްދައާއެކު ސްޕޭސް އެކްސްގެ "ޖެނެރޭޝަން 2″ (ޖެން 2) ސެޓެލައިޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން މިހާތަނަށް އެކަށީގެންވާ އިންޓަނެޓްގެ ހިދުމަތް ނުލިބޭ ސަރަހައްދުތަކަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެފް.ސީ.ސީ އިން ބުނެފައިވެއެވެ. "މި ހުއްދައިގެ ދަށުން އިތުރު 7,500 ޖެން 2 ސެޓެލައިޓް އުފައްދައި، ޖައްވަށް ފޮނުވާ އަދި އޮޕަރޭޓް ކުރުމުގެ ބާރު ސްޕޭސް އެކްސްއަށް ލިބޭނެ،" އެފް.ސީ.ސީ އިން މައުލޫމާތު ދީފައިވެއެވެ.

ދުނިޔޭގެ ސެޓެލައިޓް އިންޓަނެޓް ސިނާއަތުގައި މިހާރުވެސް ބޮޑު ހިއްސާއެއް އޮތް ސްޓާލިންކްގެ މި ފުޅާވުމާއެކު، އެ ކުންފުނީގެ މަގާމު ދުނިޔޭގެ ބާޒާރުގައި އިތުރަށް ވަރުގަދަވެގެންދާނެއެވެ. ހިސާބުތަކުން ދައްކާގޮތުގައި، މިހާރުވެސް ދުނިޔޭގެ ދަށް އޯބިޓްގައި ހުރި 9,000 އަށްވުރެ ގިނަ ސެޓެލައިޓްތަކުގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ސްޓާލިންކްގެ ސެޓެލައިޓްތަކެވެ.

މި ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްފުށުގެ ސަރަހައްދުތަކާއި، އިންޓަނެޓްގެ ވަސީލަތްތައް މަދު ހިސާބުތަކަށް ހަލުވި ދުވެލީގައި އިންޓަނެޓް ފޯރުކޮށްދެވޭނެއެވެ. "މި ހުއްދައާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ކަސްޓަމަރުންނަށް އިތުބާރު ހުރި، ހަލުވި ބްރޯޑްބޭންޑް އިންޓަނެޓް ސްޕޭސް އެކްސްއިން ފޯރުކޮށްދޭނެ،" އެފް.ސީ.ސީ އިން ފާހަގަކޮށްފައިވެއެވެ.

2019 ވަނަ އަހަރުން ފެށިގެން ސްޕޭސް އެކްސްއިން އަންނަނީ ވަރަށް ހަލުވިކަމާއެކު ސްޓާލިންކް ވިއުގަ ބިނާކުރަމުންނެވެ. ނަމަވެސް، ޖައްވުގެ ތިރީ އޯބިޓްގައި ސެޓެލައިޓްތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. މިކަމާ ގުޅިގެން ސްޕޭސް އެކްސްއިން ބުނެފައިވަނީ، އައު ޖެނެރޭޝަންގެ ސެޓެލައިޓްތަކަކީ ޖައްވުގައި ކުނި އުފެދުން މަދުކުރާނެ އަދި ބިމުން ޖައްވު ބަލާ ޓެލެސްކޯޕްތަކަށް ހުރަސްނޭޅޭ ފަދަ ޓެކްނޮލޮޖީއަކާއެކު އުފައްދާފައިވާ އެއްޗެހި ކަމަށެވެ.

އެފް.ސީ.ސީގެ މި ހުއްދައާއެކު، ދުނިޔޭގެ ހުރިހާ ހިސާބަކަށް ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ގުޅުވައިދިނުމަށް އިލޮން މަސްކް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މާކެޓް އެނަލިސްޓުން ގަބޫލުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450