ޚަބަރު
ކުރިއަށް އޮތް ހަފްތާ ބަންދުގައި "ޔޫތު ހަބު" ގައި ދިވެހި ފިލްމުތަކެއް ހިލޭ ދައްކަނީ
ހަފްތާ ބަންދުގައި "ޔޫތު ހަބު" ގައި ދިވެހި ފިލްމުތަކެއް ހިލޭ ދައްކަނީ ފޮޓޯ: ޒުވާނުންބާރުވެރިކުރުވުމާއި ބެހޭ ވުޒާރާ
ކުރިއަށް އޮތް ހަފްތާ ބަންދުގައި، ޔޫތު ހަބުގައި އެންމެ ފަހުގެ ދިވެހި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޒުވާނުންގެ މެދުގައި މަޤްބޫލު މި މަރުކަޒުގައި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހުއެވެ. މި ހަރަކާތަކީ ޒުވާނުންނަށް މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ޔޫތު ހަބުގައި އަޅުވާނީ "އަލިފާން" ފިލްމެވެ. އަދި 16 ވާ ހުކުރު ދުވަހުގެ ރޭ "އަލްވަދާޢު" އެޅުވުމަށް ހަމަޖެހިފައިވާއިރު، 17 ވާ ހޮނިހިރު ދުވަހުގެ ރޭ ދެއްކުމަށް ހަމަޖެހިފައިވަނީ "ފުރޭތަ" އެވެ.
މި ތިން ފިލްމަކީވެސް 18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ފިލްމުތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. ޔޫތު ހަބުން މި ފިލްމުތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވަނީ މުޅިން ހިލޭކަން ފާހަގަކޮށްލެވެއެވެ.
ޔޫތު ހަބަކީ ކުރިން މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތާއި ގޯތި ތަރައްޤީކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ހުޅުވި ތަނެކެވެ.
މި ތަން ފަރުމާ ކުރައްވާފައިވަނީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާ ގޮތަށް، ޒުވާނުންނަށާއި ތިމާވެއްޓަށް ރައްޓެހި މަރުކަޒެއްގެ ގޮތުގައެވެ.
މިހާރުވެސް ޔޫތު ހަބުގައި އެކިކަހަލަ ބޫޓު ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންތަކުގެ އިތުރުން، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކާއި ކަލިނަރީ އިވެންޓްތައް ފަދަ ޒުވާނުންނާ ގުޅޭ ގިނަގުނަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.