ދުނިޔެ
ކޮތަޅާއި ތަކެތި ބަންދުކުރާ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކުރުން މަނާކޮށްފި
ބާޒާރުކުރަން ބޭނުންކުރާ ކޮތަޅު
ސަޢުދީ ޢަރަބިއްޔާގައި މުދާ ބަންދުކުރުމަށް ބޭނުންކުރާ ކަރުދާހާއި ކޮތަޅު ފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅުތައް ބޭނުންކުރުން އެ ޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. މި ނިންމުމަކީ މާތްﷲގެ މާތް އިސްމުފުޅުތަކަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމް އަދާކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ކޮމަރސް މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްރަޙްމާން އަލްޙުސައިން ވިދާޅުވީ، ކޮތަޅާއި ހަދިޔާ ފަދަ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ކަރުދާހަކީ އޭގެ ބޭނުން ނިމުމުން އުކާލެވޭ އަދި ބައެއް ފަހަރު އިޙްތިރާމް ކުޑަވާ ފަދަ ގޮތްގޮތަށް ބޭނުންކުރެވޭ ތަކެތި ކަމަށެވެ. އެހެންކަމުން، އެފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކޮށްފައި ހުރުމަކީ ދީނީ ގޮތުންނާއި އަދަބީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، ސަޢުދީގައި ހިންގާ އެކި ވިޔަފާރިތަކުން އެ މީހުންގެ މުދާ އިޝްތިހާރު ކުރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއްގައި މާތްﷲގެ އިސްމުފުޅު ބޭނުންކުރުން މިހާރު ވަނީ މަނާވެފައެވެ.

މާތްﷲގެ އިސްމުފުޅުތަކުގެ މާތްކަން ހިފެހެއްޓުމަށް ސަޢުދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ފަހުކޮޅު އެ ޤައުމުގެ ކޮމަރސް މިނިސްޓްރީން ވަނީ ވިޔަފާރީގެ ނަންތަކުގައި މާތްﷲގެ އިސްމުފުޅު ހިމެނޭ ގޮތަށް ނަންތައް ފާސްކޮށްދިނުން ވެސް ހުއްޓާލާފައެވެ.
މި ފިޔަވަޅުތަކަކީ އިސްލާމީ މުޤައްދަސް ނަންފުޅުތަކަށް އިޙްތިރާމް ކުޑަވެދާނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އެ ޤައުމުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.