ދުނިޔެ
ގަދަފިންޏާއި ތޫފާނުގެ ސަބަބުން ޣައްޒާގައި އަށް މީހުން ޝަހީދުވެއްޖެ
ޣައްޒާގެ ޙާލުގައި ޖެހިފައިވާ މީހުންގެ ވަގުތީ ހިޔާއެއް
އިޒްރާއީލުން ފަލަސްތީނުގެ ޢައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކަށް، ގަދަ ފިންޏާއި ތޫފާނުގެ ސަބަބުން އިތުރު ތަހައްމަލު ކުރަންދަތި ތަކުލީފުތަކެއް ކުރިމަތިވެ، އަށް މީހަކު ޝަހީދުވެއްޖެއެވެ.
މި ތޫފާނުގައި ޖެހުނު ބާރުގަދަ ވައިގެ ސަބަބުން، އިޒްރާއީލުގެ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯކޮށް ވާރޭވެހި ފިނިގަދަވުމުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ފޭލިގެއެއްގެ ތެރޭގައި ޝަހީދުވި އެއް އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ދީރުލް ބަލަހްގައި ހުންނަ އަލްއަޤްސާ މާޓިއާސް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ، ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ފިނިގަދަވުމުގެ ސަބަބުން އިތުރު ކުދިންތަކެއް ޝަހީދުވެފައިވާ ކަމަށެވެ. "މި ފިނި މޫސުމުގައި އެކަނިވެސް ފިނިގަދަވުމުގެ ސަބަބުން (ހައިޕޯތާމިއާ) ހަ ކުދިން މިހާތަނަށް ވަނީ ޝަހީދުވެފަ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތޫފާނުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުވެ އިތުރު ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާ ސިޓީގެ އިމާރާތެއް ވެއްޓި މަރުވި 15 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް އިންޒާރު ދެއްވި ގޮތުގައި، އެކަށީގެންވާ ހިޔާވަހިކަމެއް ނެތް ޣައްޒާގެ ރައްޔިތުންނަށް މި ތޫފާނުގެ ސަބަބުން ކުރިމަތިވާނެ ނަތީޖާ ވަރަށް ބިރުވެރިވާނެއެވެ.
އިޒްރާއީލުން އޮކްޓޯބަރު މަހު ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން ދަނީ ހުރަސްއަޅަމުންނެވެ. މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުކުޅެދިފައިވާ ކަމަށާއި، މިއީ ގަތުލުއާންމުގެ އެންމެ ނުރައްކާތެރި ސިފަ ކަމަށެވެ.