ދުނިޔެ
"އާ ޔޫ ޑެޑް؟": އެކަނި ދިރިއުޅޭ މީހުން މަރުވިތޯ ނުވަތަ ނޫންތޯ ޔަޤީންކުރާ އެޕެއް ޗައިނާގައި މަގުބޫލުވަނީ
އާޔޫޑެޑް އެޕް
ޗައިނާގައި އެކަނި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "އާ ޔޫ ޑެޑް؟" (ތިބާއީ މަރުވެފައިވާ މީހެއްތަ؟) ގެ ނަމުގައި އުފެއްދި މޯބައިލް އެޕްލިކޭޝަނެއް ވަރަށް ބޮޑަށް މަގުބޫލުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މޭ މަހު ލޯންޗުކުރި މި އެޕް މަސައްކަތްކުރާ ގޮތަކީ، ކޮންމެ ދެ ދުވަހަކުން އެއްފަހަރު އެޕްގައި އިންނަ ބޮޑު ބަޓަނަކަށް ފިއްތާލައި، އެމީހަކު ދުނިޔޭގައި ހުރިކަން ނުވަތަ ސަލާމަތުން ހުރިކަން ކަށަވަރުކޮށްދިނުމެވެ. އެކަނި ދިރިއުޅޭ މީހަކު މި ބަޓަނަށް ފިއްތަން ހަނދާން ނެތިއްޖެ ނަމަ ނުވަތަ ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު އެކަން ނުކޮށްފި ނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އޮޓޮމެޓިކުން އެމީހެއްގެ ކުއްލި ހާލަތުގައި ގުޅަންޖެހޭ ފަރާތަކަށް އެލާޓް ފޮނުވައިދޭނެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށްދާއިރު ޗައިނާގައި އެކަނި ދިރިއުޅޭ މީހުންގެ އަދަދު 200 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި އެޕަކީ ހާއްސަކޮށް މިފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ އެޕެކެވެ. މީގެ ތެރޭގައި ވަޒީފާއަށް އެކަނި ދާ މީހުންނާއި، އާއިލާއާ ދުރުގައި ކިޔަވަން އުޅޭ ދަރިވަރުން ހިމެނެއެވެ.
މި އެޕްލިކޭޝަނަށް ދީފައިވާ ތަފާތު އަދި ބިރުވެރި ނަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، އެޕް އުފެއްދި ކުންފުނިން ބުނަނީ އެ ނަމުގެ ސަބަބުން އެޕަށް ލިބޭ މަގުބޫލުކަން އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން ނަން ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޗައިނާގެ އެޕް ސްޓޯރުގެ ޕްރީމިއަމް (ފައިސާ ދައްކައިގެން ބޭނުންކުރާ) އެޕްތަކުގެ އެއްވަނައިގައި މިވަގުތު މި އެޕް އޮތްއިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި މި އެޕް ބޭނުންކުރަނީ ޑެމޫމޫ ގެ ނަމުގައެވެ. އެގޮތުން އެމެރިކާ، ސިންގަޕޫރު، ހޮންކޮންގް، އޮސްޓްރޭލިއާ އަދި ސްޕެއިން ފަދަ ގައުމުތަކުގެ އެޕް ސްޓޯރުތަކުގެ ގަދަ ހަތަރެއްގައި މި އެޕް މިހާރު ހިމެނެއެވެ. މިއީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންގެ މެދުގައިވެސް މި އެޕް މަގުބޫލުވަމުންދާ ކަމުގެ ހެއްކެކެވެ.