ޚަބަރު
ފެންފުށީ ކްލާސްރޫމް އިމާރާތް ދިރާސީ އަހަރަށް ނިމޭނެ:އާރްޑީސީ
ފެންފުސީ ކްލާސްރީމް އިމާރާތުގެ މަސައކްަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ
އދ. ފެންފުށީ ސްކޫލުގައި އަލަށް އިމާރާތްކުރާ ކްލާސްރޫމްތަކުގެ މަސައްކަތް، ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މިހާރު ވަނީ މި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާފައެވެ.
ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތަކީ ހަތަރު ކްލާސްރޫމް ހިމެނޭ އިމާރާތެކެވެ. އާރްޑީސީން ބުނީ ކޮންކްރީޓް މަސައްކަތްތައް ނިމުމާއެކު، މިހާރު ކުރިއަށްދަނީ އިމާރާތުގެ އިންޓީރިއަރ އަދި އެކްސްޓީރިއަރ ފިނިޝިން މަސައްކަތްތައް ކަމަށެވެ. މި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ފެންފުށީ ސްކޫލުގެ މި މަޝްރޫޢަކީ މީގެ ތިން އަހަރު ކުރިން، 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްގެން ފެށި މަސައްކަތެކެވެ. އޭރު މި މަސައްކަތް ޙަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް، ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ހަމައަށްވެސް މަސައްކަތް އޮތީ ނުނިމި ހުއްޓިފައެވެ.
މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް އަވަސްކުރުމަށްޓަކައި އާރްޑީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އާރްޑީސީން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ރައީސްގެ ވަޢުދުފުޅާއި ރައްޔިތުންގެ އުންމީދު
1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީގައި ސްކޫލުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުން ވަނީ މި މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ދިރާސީ އައު އަހަރުގެ ކުރިން މި އިމާރާތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އާރްޑީސީން މިހާރު އަމާޒު ހިފާފައިވަނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމައި އިމާރާތް ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ.