ޚަބަރު
ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުލިބިގެން ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ހުރަސްއެޅިއްޖެ
ވެމްކޯ މުވައްޒަފުން ފޮޓޯ: ވެމްކޯ
ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރުމުގައި އެ ކުންފުންޏަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ނުލިބުން ކަމަށާއި، އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ 98 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާނުކުރެވޭތާ މަސްތަކެއް ފާއިތުވެފައިވާކަން ފަޅާއަރާފައިވާ މި ދަނޑިވަޅުގައި، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ދިމާވާން މެދުވެރިވީ ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ނުލިބޭތީ ކަމަށެވެ. ވެމްކޯއިން ބުނި ގޮތުގައި މުވައްޒަފުންގެ މުސާރައާއި ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ބަލަހައްޓަނީ ލިބޭ އާމްދަނީގެ އިތުރުން، ހެޔޮ އަގުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ފައިސާ ބޭނުންކޮށްގެންނެވެ.
ކުންފުނިން ފާހަގަކުރި ގޮތުގައި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ނުދައްކާ ހުރުމަކީ ކުންފުނީގެ މާލީ ހާލަތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން އެކަނިވެސް 98 މިލިއަން ރުފިޔާ ވެމްކޯއަށް ދޭންޖެހިފައިވެއެވެ. މި ފައިސާ ހޯދުމަށްޓަކައި 2024 އަދި 2025 ވަނަ އަހަރުވެސް އެކި ފަހަރު މަތިން ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގެ އިތުރުން ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ލިބެންޖެހޭ ފައިސާ ލިބިގެން ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން ލިބެންޖެހޭ ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވާނީ މިނިސްޓްރީ އޮފް ފައިނޭންސްގައި އެދިފައެވެ. އަދި އެ ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއެކު މިހާރުވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ.
ޕެންޝަން ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕެންޝަން އޮފީހާއެކުވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަން ފާހަގަކުރަމުން، ވެމްކޯއިން ވަނީ މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމުގެ ޔަގީންކަން ދީފައެވެ.