ދުނިޔެ
ޙަލަބްގެ އިރުމަތީގައި އާ ކުރިމަތިލުންތަކެއް ފެށިދާނެތީ އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ސޫރިޔާ ސިފައިން އަންގައިފި
ސީރިޔާ ސަރުކާރުގެ ޢަސްކަރީ އޮފިސަރުންތަކެއް
ސޫރިޔާގެ ޙަލަބްގެ ގަވަރުނަރޭޓްގެ ރަށްފުށުގެ ބައެއް ސަރަހައްދުތަކުގައި ސޫރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ސިފައިން ޖަމާކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ގެދޮރު ދޫކޮށް ދިއުމަށް ސޫރިޔާގެ އަސްކަރިއްޔާއިން އަންގައިފިއެވެ.
މިއެންގުން އަންގައިފައިމިވަނީ ޙަލަބް ސިޓީގެ ތެރޭގައި ހިނގަމުންދާ ނުރައްކާތެރި ކުރިމަތިލުންތަކަށްފަހު، އާ ފްރަންޓެއް ހުޅުވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އިރުމަތީ ރަށްފުށުގެ ދީރް ހާފިރް އަދި މަސްކަނާގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދުތަކުން ނުކުތުމަށްޓަކައި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް "އިންސާނީ ކޮރިޑޯއެއް" ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ވަނީ އެ ސަރަހައްދުތަކަކީ އަސްކަރީ މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި، އިތުރު ސިފައިންނާއި ހަތިޔާރު އެ ސަރަހައްދަށް ޖަމާކުރަން ފަށާފައެވެ.
އެމެރިކާގެ އެހީތެރިކަން ލިބޭ ކުރުދީން އިސްވެ އޮންނަ އެސްޑީއެފް އާއި ސޫރިޔާ ސިފައިންނާ ދެމެދު ޙަލަބްގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް މަދުވެގެން 23 މީހުން ވަނީ މަރުވެފައެވެ. މިދިޔަ މާރިޗު މަހު ދެފަރާތުގެ ދެމެދުގައި އެސްޑީއެފް ސޫރިޔާގެ ދައުލަތުގެ މުއައްސަސާތަކުގެ ދަށަށް ގެނައުމަށް އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން އަލުން ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ.
ސޫރިޔާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އެސްޑީއެފް އިން ދަނީ އަލެއްޕޯ ސިޓީއަށް ޑްރޯން ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ޙަލަވްގެ ގަވަރުނަރޭޓް އިމާރާތަށް ދިން ހަމަލާ ހިމެނެއެވެ. އަނެއްކޮޅުން އެސްޑީއެފް އިން ވަނީ ސޫރިޔާ ސިފައިން ދީރް ހާފިރްގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދެމުންދާ ކަމަށް ބުނެ ތުހުމަތުކޮށްފައެވެ. ސޫރިޔާގެ އަސްކަރިއްޔާއިން އެސްޑީއެފްގެ ކިބައިން އެދެނީ ޔޫފްރޭޓްސް ކޯރުގެ އަނެއް ފަރާތަށް ފަހަތަށް ޖެހުމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތުރުކީވިލާތުން ދަނީ ކައިރިން ފާރަވެރިވަމުންނެވެ. ދިމިޝްގުގައި ހުންނަވާ ތުރުކީގެ ސަފީރު ނޫހް ޔިލްމާޒް މި ހަފުތާގައި އަލެއްޕޯއަށް ޒިޔާރަތްކުރައްވައި ވިދާޅުވީ، ހަނގުރާމައަކާ ނުލައި މާރިޗު މަހުގެ އެއްބަސްވުން ތަންފީޒުވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނާ ގޮތުގައި އެމީހުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.