Ads by Stelco

ޚަބަރު

ވިޔަފާރި ބަނދަރުގެ ލޮރީ ޑްރައިވަރުންނާ ބައްދަލުކުރައްވައި، ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވައިފި

ވިޔަފާރި ބަނދަރުގެ ލޮރީ ޑްރައިވަރުންނާ ބައްދަލުކުރައްވައި، ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިޔަފާރި ބަނދަރުގެ ލޮރީ ޑްރައިވަރުންނާއި އެކު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖެނުއަރީ 2026، 03:38

15 ޖެނުއަރީ 2026، 03:38

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލުމުގެ މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ޑްރައިވަރުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ބަނދަރާ ކައިރި ސަރަހައްދަކުން ލޮރީތަކަށް ޚާއްޞަ ޕާކިންގްއެއް ހަމަޖެއްސުމާއި، ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތަށް ތައްޔާރުކުރާ އެޕްލިކޭޝަންގެ މަސައްކަތް އަވަސްކުރުމަށާއި، ބާ އުޅަނދުތައް ނައްތާލައި އައު އުޅަނދު ރަޖިސްޓްރީކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ޑްރައިވަރުން އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެބޭފުޅުން ކުރާ މަސައްކަތަކީ ސަރުކާރުން ބަލައިގަންނަ، ރަސްމީ ލިޔެކިޔުމާއެކު ކުރާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑްރައިވަރުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ވީހާވެސް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެން، ހުރިހާ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450