ސައިންސް / ދުނިޔެ
ޞިއްޙީ މައްސަލައަކާ ގުޅިގެން ސްޕޭސްއެކްސްގެ ކްރޫ-11 ގެ އެސްޓްރޮނޯޓުން ކާމިޔާބުކަމާއެކު އެނބުރި އަތުވެއްޖެ
ޖައްވުން އެނބުރި އައި އެސްޓްރޯނޯޓެއް ފޮޓޯ: ނާސާ
ބައިނަލްއަޤްވާމީ ޖައްވީ އިދާރާ (ISS) ގައި މަސައްކަތް ކުރަމުންދިޔަ ކްރޫ-11 ގެ ހަތަރު އެސްޓްރޮނޯޓުން، އޭގެ ތެރެއިން އެއް މެންބަރަކަށް ދިމާވި ޞިއްޙީ މައްސަލައަކާ ގުޅިގެން ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކާމިޔާބުކަމާއެކު އެނބުރި އަތުވެއްޖެއެވެ.
ސްޕޭސްއެކްސް ކްރޫ ޑްރެގަން ކެޕްސޫލްގައި މި ހަތަރު އެސްޓްރޮނޯޓުން ޕެސިފިކް ކަނޑަށް ތިރިކޮށްފައިވަނީ އެމެރިކާގެ އިރުމަތީ ގަޑިން ބުރާސްފަތި ދުވަހުގެ ފަތިހު 3:40 ގައެވެ. މި ކެޕްސޫލް ތިރިކޮށްފައިވަނީ ސެން ޑިއޭގޯގެ އައްސޭރިފަށަށެވެ. ބިމަށް އެނބުރި އައުމަށްޓަކައި އެސްޓްރޮނޯޓުން ISS އިން ފުރާފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 5:20 ގައެވެ.
ކެޕްސޫލް ކަނޑަށް ތިރިކުރުމާއެކު، އެ ސަރަޙައްދުގައި ތައްޔާރީ ހާލަތުގައި އޮތް ރިކަވަރީ ޝިޕަކުން ވަނީ ކެޕްސޫލް ނަގައި، އެސްޓްރޮނޯޓުން އުޅަނދުން ބާލާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖައްވުގައި އުޅުމަށްފަހު އެނބުރި އައުމުން ދިމާވާ ދަތިތަކާ ގުޅިގެން، އެސްޓްރޮނޯޓުން އުޅަނދުން ބޭލުމުގައި ގާނީ (gurneys) ބޭނުންކޮށްފައިވެއެވެ. ނަމަވެސް، ހަތަރު އެސްޓްރޮނޯޓުންވެސް ތިބީ ވަރަށް އުފަލުން ހިނިތުންވުމާއެކު އަތް ހޫރާލަ ހޫރާލައެވެ.
ނާސާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރު އަވަސްކުރަން ޖެހުނީ އެސްޓްރޮނޯޓަކަށް ދިމާވި ޞިއްޙީ މައްސަލައެއް އިތުރަށް ބަލައި ފަރުވާ ދިނުމަށެވެ. އެސްޓްރޮނޯޓުގެ ޕްރައިވެސީ ހިފެހެއްޓުމުގެ ގޮތުން އެއީ ކޮން ބޭފުޅެއްކަން ނާސާއިން ހާމަކޮށްފައެއް ނުވެއެވެ. ނާސާގެ ޗީފް ހެލްތު އެންޑް މެޑިކަލް އޮފިސަރު ޑރ. ޖޭމްސް ޕޯލް ވިދާޅުވީ، މިއީ މަސައްކަތުގެ ތެރެއިން ލިބުނު އަނިޔާއެއް ނޫން ކަމަށާއި، މިއީ މައިކްރޯގްރެވިޓީ ނުވަތަ ބާރު ދެރަ މާޙައުލެއްގައި އުޅުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.
މި މިޝަންގައި ހިމެނެނީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ މައިކް ފިންކޭ އާއި ޒީނާ ކާޑްމަންގެ އިތުރުން، ޖަޕާނުގެ ޖަކްސާގެ ކިމިޔާ ޔުއީ އަދި ރަޝިޔާގެ ރޮސްކޮސްމޯސްގެ އޮލެގް ޕްލެޓޮނޯވް އެވެ. މި ޞިއްޙީ މައްސަލައާ ގުޅިގެން، މީގެ ކުރިން ކުރަން ރޭވި "ސްޕޭސް ވޯކް" އެއްވެސް ވަނީ ކެންސަލްކޮށްފައެވެ. ބިމަށް އެނބުރި އައި ހުރިހާ އެސްޓްރޮނޯޓުންވެސް މިހާރު ދަނީ ޢާންމު އުޞޫލުން ހަދަންޖެހޭ ޞިއްޙީ ޓެސްޓުތައް ހަދަމުންނެވެ.