ޚަބަރު
ތިލަމާލެ ބްރިޖުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ: އޮކްޓޯބަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލަނީ
ތިލަމާލެ ބްރިޖު ފޮޓޯ: ސަން
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބްރިޖު" މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން މީޑިއާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބްރިޖު މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު އެސް.އެމް ވިސްވަމުރްތީ ވިދާޅުވީ، މިހާރު އެންމެ ބާރުސްޕީޑުގައި ކުރިއަށްދަނީ މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އެތުރުމުގެ މަސައްކަތް ކަމަށެވެ. އަދި އުންމީދަކީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އަޅައި ނިންމާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މައިގަނޑު މަސައްކަތަކީ ސެގްމަންޓް ޑައިރެކްޝަން. މިއީ ވަރަށް ނާޒުކު މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ އޮކްޓޯބަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ ސެގްމަންޓް މަސައްކަތް ނިންމާލެވޭނެ ކަމަށް، ވިސްވަމުރްތީ
ވިސްވަމުރްތީ އިތުރަށް ވިދާޅުވި ގޮތުގައި، މި ބިޔަ މަޝްރޫއު ނިންމުމަށްޓަކައި 2،300 އަށްވުރެ ގިނަ މުވައްޒަފުން 24 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދެއެވެ. އެފްކޮންސްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭ ވަރަށް މަސައްކަތްތައް ނިންމުމެވެ.
ބްރިޖުގެ މަސައްކަތް ލަސްވަމުންދާތީ ސަރުކާރާއި އާންމުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި ވިސްވަމުރްތީ ވިދާޅުވީ، މަސައްކަތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ހުރަސްތައް ކަމަށެވެ. ޚާއްސަކޮށް މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުގެ އޮއިވަރު ގަދަވުމުގެ ސަބަބުން، ބާޖުތައް ޕްލެޓްފޯމްތަކާ ގާތްކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް މަސައްކަތް ނުކުރެވި ބޭކާރުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޅި ބްރިޖުގައި ޖުމްލަ 1،200 އަށްވުރެ ގިނަ ސެގްމަންޓް އެތުރަން ޖެހޭއިރު، މީގެ ތެރެއިން އަދި ނުނިމި ހުރީ 700 އެއްހައި ސެގްމަންޓެވެ. ވިސްވަމުރްތީ ވިދާޅުވި ގޮތުގައި މިއީ ވަރަށް ނުރައްކާތެރި އަދި ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ.
ހަތް ކިލޯމީޓަރުގެ ދިގު މި ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ބްރިޖުގައި ދެކޮޅަށް ދުއްވާ ގޮތަށް ދެ ލޭނު އޮންނާނެއެވެ. މީގެ އިތުރުން ހިނގާ މީހުންނަށް ޚާއްސަ ސަރަހައްދަކާއި، ފެނާއި ކަރަންޓު ފަދަ ޚިދުމަތްތަކުގެ ހޮޅިތައް އެޅުމަށް ޚާއްސަ ޖާގައެއް ބްރިޖުގައި ހިމެނެއެވެ.