Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖެނުއަރީ 2026، 03:43

16 ޖެނުއަރީ 2026، 03:43

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވާ އެއެޖެންސީގެ މަސައްކަތް ކުރިއަށްދާނީ މިނިވަން ބޯޑެއްގެ ދަށުންކަމަށް ކަނޑައަޅުއްވައިފިއެވެ.

މި އެޖެންސީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މިދިޔަ އަހަރުގެ މޭމަހުގެ 19 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން އުފެދުނު މި އެޖެންސީއަކީ، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރު ކޮށްދިނުމަށާއި މަނާ ބޭސް ބޭނުންކުރުން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އުފެއްދެވި މުއައްސަސާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އެޖެންސީ ހިނގަމުންދާނީ މުސްތަޤިއްލު ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

މި އެޖެންސީގެ މަސައްކަތްތަކާ ގުޅޭގޮތުން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މީގެ ކުރިން ކުޅިވަރު ވުޒާރާގެ އިންސްޓިޓިއުޓެއްގެ ދަށުން ހިންގަމުން އައި މި އެޖެންސީ މިނިވަންވުމުން، އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ޔުނެސްކޯ ކޮންވެންޝަންގެ އިތުރުން ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) ގެ އެންޓި ޑޯޕިން ކޯޑާއި އެއްހަމައެއްގައި ކުރިއަށްދާނެ އެޖެންސީއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބިލުގައިވާ ގޮތުން ކޮންމެ ގައުމަކުންވެސް ޔުނެސްކޯ ކޮންވެންޝަނާއި އެއްގޮތަށް އަމަލުކުރުމަށް ލާޒިމުކުރެއެވެ. އަދި އެގައުމެއްގައި އެންޓި ޑޯޕިންގެ މަސައްކަތް ކުރިއަށްދާގޮތާއި، ޕޮލިސީތަކާއި، ގަވާއިދުތަކުގެ އިތުރުން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އަށް ހިއްސާކުރުމަށްވެސް ވަނީ ލާޒިމުކޮށްފައެވެ. "މިކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް ބައްޓަންވެގެންދާނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް" ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ މަނާބޭސް ބޭނުންކުރުމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ފަށާފައިވަނީ 2003 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި ކޮންފަރެންސެއްގެ ތެރެއިންނެވެ. މިހާތަނަށް ދުނިޔޭގެ 191 ގައުމަކުން މި މިންގަނޑުތަކަށް އަމަލުކުރުމަށް ސޮއިކޮށްފައިވާއިރު، ދިވެހިރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޮކްޓޯބަރު 2010 ގައެވެ.

މި އައު އެޖެންސީ އުފެއްދެވުމަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާން އިންސާފުވެރިކަމާއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450