ދުނިޔެ

ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިން ދެނެގަތުމަށް އައު ޓެކްނޮލޮޖީއެއް ވިލާތުގައި ތައާރަފުކުރަނީ

ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިން ދެނެގަތުމަށް އައު ޓެކްނޮލޮޖީއެއް ވިލާތުގައި ތައާރަފުކުރަނީ

ކުޑަކުދިން ތަކެއް ވީޑިއޯއެއް ހަދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 03:03

17 ޖެނުއަރީ 2026، 03:03

ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، އުމުރު ދެނެގަނެވޭ އައު ޓެކްނޮލޮޖީއެއް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވިލާތުގެ ގައުމުތަކުގައި ތައާރަފުކުރުމަށް ޓިކްޓޮކުން ނިންމައިފިއެވެ.

ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ ޓިކްޓޮކުން މަޢުލޫމާތު ދޭ ގޮތުގައި، މި ސިސްޓަމަކީ ވޭތުވެދިޔަ އެއް އަހަރު ދުވަހު ވިލާތުގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ޓެސްޓުކޮށްފައިވާ ސިސްޓަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ 13 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ އެކައުންޓްތައް މިހާރު ހުރި ގޮތަށްވުރެ ހަރުދަނާކޮށް ދެނެގަތުމެވެ. މިހާރު އެ އެޕްލިކޭޝަނުން އުމުރު ކަށަވަރުކުރުމަށް ބަލަނީ ބޭނުންކުރާ މީހާ އަމިއްލައަށް ލާ އުމުރަށެވެ.

އައު ސިސްޓަމުން ފާހަގަކުރާ އެކައުންޓްތައް ވަގުތުން އުވާލުމުގެ ބަދަލުގައި، އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ މޮޑަރޭޓަރުން އެ އެކައުންޓްތައް ބަލައި ޗެކްކުރާނެއެވެ. މިއީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މައުލޫމާތުގެ ސައްހަކަން ހިފެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާތުގެ ރެގިއުލޭޓަރުން ދަނީ އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބާރުއަޅަމުންނެވެ. އާންމުކޮށް އުފަންދުވަސް އެހުމަކީ މިހާރު އެންމެ އެދެވޭ ގޮތް ނޫން ކަމަށް ރެގިއުލޭޓަރުން ދެކެއެވެ. ދުނިޔޭގެ އެކި ގައުމުތަކުން މިކަމަށް މިހާރު ދަނީ ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާއިރު، ޑެންމާކުން ވަނީ 15 އަހަރުން ދަށުގެ ކުދިން މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމަށް ލަފާދީފައެވެ.

ޓިކްޓޮކުން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ކުރި ޓެސްޓުތަކުން 13 އަހަރުން ދަށުގެ ކުދިންގެ އެތައް ހާސް އެކައުންޓެއް ވަނީ ބަންދުކުރެވިފައެވެ. އުމުރު ކަށަވަރުކުރުމުގައި މައްސަލަ ދިމާވާ ހާލަތްތަކުގައި، 'ޔޯޓީ'  ކުންފުނީގެ ފޭޝަލް އޭޖް އެސްޓިމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ވެސް މިހާރު ދަނީ މި ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ.

މި އައު އޭއައި  ސިސްޓަމް ފަރުމާކޮށްފައިވަނީ ވިލާތުގެ އައިލެންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނާ ގުޅިގެން، އެ ސަރަހައްދުގެ ގަވާއިދުތަކާ އެއްގޮތަށެވެ. މި ޚިދުމަތް ލިބެން ފެށުމުން ވިލާތުގެ ބޭނުންކުރާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ޓިކްޓޮކުން ބުނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450