Ads by Stelco

ޚަބަރު

ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރަން އެމްއެފްޑީއޭގެ އިލްތިމާސެއް

ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރަން އެމްއެފްޑީއޭގެ އިލްތިމާސެއް

މާލޭގެ ބޭސްފިހާރަތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 06:06

18 ޖެނުއަރީ 2026، 06:06

ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކުމުގެ ހުއްދަ އޮތް ތަންތަނުން ނޫނީ ބޭސް ނުގަތުމަށާއި، ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ފާމަސީތަކުގައި މަސައްކަތްކުރާ ފާމަސީ ޕްރޮފެޝަނަލުންނަކީ ވެސް އެ އޮތޯރިޓީން ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ފާމަސީތަކުން ބޭސް ގަންނައިރު ސަމާލުވާންޖެހޭ ކަންކަން
ބޭސް ގަންނައިރު އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:

ބޭސް ވިއްކުމުގެ ހުއްދަ: ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި، އެ އޮތޯރިޓީން ދޫކުރާ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން.
ޕާމަސިސްޓް އައިޑީ ކާޑު: ބޭސް ދޫކުރަން ހުރި ފަރާތަކީ ހުއްދަ އޮތް ޕާމަސިސްޓެއްކަން އަންގައިދޭ އައިޑީ ކާޑު އަޅާފައި ހުރިތޯ ބެލުން.
މުއްދަތު ހަމަވާ ތާރީހު: ބޭހުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމަށް ބޭހުގައިވާ ތާރީހު ބެލުން.
ބޭސް ބޭނުންކުރާނެ އިރުޝާދު: ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ސާފުކޮށް ލިޔެފައިވޭތޯ ބެލުން.
ރައްކާތެރިކޮށް ޕެކްކުރުން: ބޭސް ޕެކްކޮށްފައިވަނީ ރައްކާތެރި ގޮތަކަށްތޯ ބެލުން. ހާއްސަކޮށް ފިނީގައި ބަހައްޓަންޖެހޭ ބޭސްތައް ދޫކުރާއިރު އައިސް ޕެކް ފަދަ ތަކެތި ބޭނުންކޮށްފައިވޭތޯ ބެލުން.
އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކުމާއި، ޕާމަސިސްޓް އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ހުއްދަ ނެތް ފާމަސީތަކާއި، ހުއްދަ އޮތް ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450