Ads by Stelco

ޚަބަރު

ރައީސް މުޢިއްޒާއެކު އެ ސްޕީޑްގައި މަސައްކަތް ކުރައްވާ ބޭފުޅަކަށް ޖަލީލް ވާނެ: ނައިބް ރައީސް

ރައީސް މުޢިއްޒާއެކު އެ ސްޕީޑްގައި މަސައްކަތް ކުރައްވާ ބޭފުޅަކަށް ޖަލީލް ވާނެ: ނައިބް ރައީސް

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ:ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖެނުއަރީ 2026، 10:39

19 ޖެނުއަރީ 2026، 10:39

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރާއި އެމަނިކުފާނު މަސައްކަތް ކުރައްވާ ބާރުމިނުގައި މަސައްކަތް ކުރެއްވޭނެ ބޭފުޅަކީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް ކަމަށް ނައިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސަރުކާރަށް ބޭނުންވަނީ ރައީސް މުޢިއްޒުގެ ޚިދުމަތާއި އެމަނިކުފާނުގެ ސްޕީޑާ އެއްވަރަށް އެހީތެރިވެދޭނެ ބޭފުޅެއް ކަމަށެވެ. އަދި ކަންކަމަށް ހުރަސްއަޅައި، ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ތަރައްޤީގެ މަސައްކަތްތައް ހުއްޓުވާނެ ބޭފުޅަކު މޭޔަރުކަމަށް އައުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، "ޤާނޫނު އަސާސީގައި ވަރަށް ސަރީހަ ބަހުން މުއައްސަސާތައް ކަނޑައަޅުއްވާފައި އެބަހުރި ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވާނީ އެ ދާއިރާތަކުގެ މެންބަރުންނާއި އެ މުއައްސަސާތަކުން" ކަމަށެވެ. ސިޓީ ކައުންސިލްތަކަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކޮށް، ކަންކަން މަގުފަހިކޮށްދޭން ތިބޭ ބައެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މާލެ ސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ނައިބް ރައީސް ވިދާޅުވީ، މާލެއަކީ ކާރުބާރު ބޮޑު އަދި މައްސަލަތައް ގިނަ ސިޓީއެއް ކަމަށާއި، ރައްޔިތުން ބޭނުންވަނީ އަމާންކަމާއި ސުލްހަވެރިކަމާއެކު އުޅެވޭނެ ފަސްގަނޑަކަށް މާލެ ހެދުމަށް ކަމަށެވެ. މިގޮތުން މަގުތަކުގެ އަމާންކަމާއި، ޕާކިންގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޕްލޭންތައް ތަންފީޒުކުރުމުގައި މޭޔަރުގެ އެހީތެރިކަން ނުހަނު ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ނައިބް ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މޫސާ އަލީ ޖަލީލުގެ ޤައުމީ ޚިދުމަތާއި، ޤައުމުދެކެވާ ލޯތްބާމެދު އެއްވެސް ޝައްކެއް ނެތްކަން ހާމަކުރައްވަމުންނެވެ. އަދި ރައީސް މުޢިއްޒުގެ ތަރައްޤީގެ ސްޕީޑުގައި މާލެ ސިޓީ ކުރިއަށް ގެންދިއުމަށް ޖަލީލަކީ އެންމެ އެކަށީގެންވާ ބޭފުޅާ ކަމުގެ ޔަގީންކަން ނައިބް ރައީސް ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450