ޚަބަރު
ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަމަހު ބާއްވަނީ
ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި ހެކަތޯން ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގާއި ސްޕާކްހަބް ގުޅިގެން، ރާއްޖޭގައި ބާއްވާ ފުރަތަމަ "ޖެނެރޭޓިވް އޭއައި ހެކަތޯން" އަންނަ ފެބުރުވަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.
"ޖެނެރޭޓިވް އޭއައި ހެކަތޯން 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އިން 8 ފެބުރުވަރީ 2026 އަށެވެ. މި ހަރަކާތަކީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންގެ އިތުރުން އުފެއްދުންތެރިންނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ހަރަކާތެކެވެ.
މި ހެކަތޯނުގައި ބައިވެރިވުމުގެ ފުރުޞަތު 3 އާއި 5 މެމްބަރުންގެ ޓީމުތަކަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
ދިރާގުން ބުނި ގޮތުގައި، މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިން އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް ބަދަލުކުރުމަށް މަގުފަހިވާނެއެވެ. އަދި ޕްރޮޑަކްޓް އުފެއްދުމުގެ ހުރިހާ މަރުހަލާއެއްގައި އޭއައި ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އިރުޝާދު ބައިވެރިންނަށް ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ، ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތަކަށް މީހުން އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް، މިރްޝާން
އެހެން ހެކަތޯންތަކާ ޚިލާފަށް، މި ހެކަތޯން ކުރިއަށްދާނީ "އޯޕަން ކެޓެގަރީ" ފޯމެޓަށެވެ. އަދި ބޭނުންކުރާނީ "ނޯ ޝިޕިންގ، ނޯ ޕިޗިންގ" އުސޫލެވެ. މީގެ މާނައަކީ ފައިނަލް ޕިޗުގެ ކުރިން ބައިވެރިން އުފައްދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަން ޖެހުމެވެ. އެހެންކަމުން، ޖަޖުން އިންސާފުކުރާނީ ހަމައެކަނި ކޮންސެޕްޓަކަށް ނޫން ކަމަށާއި، އާންމުންނަށް ބޭނުންކުރެވޭ ފަދަ ފުރިހަމަ ޕްރޮޑަކްޓަކަށް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕާޓްނަރަކީ ސިނެޓެކްސްއެވެ.